ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމާ ހަމައިން، ރާއްޖޭގެ ނައިބު ރައީސްކަމުގެ މަގާމަށް ވާސިލްވެވުމަކީ އާދައިގެ، ކުޑަ ކަމެއް ނޫނެވެ.
ޒުވާން އުމުރު، ސިޔާސީ ދާއިރާގެ ތެރެއިން ބުރަ މަސައްކަތްތަކެއް ކުރައްވައި އެހާ ހިސާބަށް ވާސިިލްވެވުމަކީ ބޮޑު ކަމަކެވެ.
ކުރިއަށް އޮތް ފަަސް އަހަރު، ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާނެ، ހުސައިން މުޙައްމަދު ލަތީފުގެ މުޅި އާއިލާއާއި މައިންބަފައިންނަށް ވެސް މިއީ އެ މީހުން ފަޚުރުވެރިވާ ބޮޑު ކަމެކެވެ. އެ މަނިކުފާނުގެ މައިންބަފައިން ސިފަކުރައްވާ ގޮތުގައި މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ.
ހުސައިންގެ މަންމަ އައިމިނަތު ހުސައިންއާއި ބައްޕަ، ލަތީފް ވަނީ ހުސައިންގެ މި ބޮޑު ކާމިޔާބާއެކު "ސަން"އަށް ދެއްވި އިންޓަވިއުގައި ޝުއޫރުތައް ހިއްސާކުރައްވައިފައެވެ.
"އަޅުގަނޑު އެ ދަރިފުޅަށް ޓަކައި ވަރަށް ފަޚުރުވެރިވޭ. އަޅުގަނޑުގެ ދަރިފުޅު ހުސައިން މުޙައްމަދު ލަޠީފަށް ދަންނަވަން އޮތް ވާހަކައަކީ ވެރި މީހާއަށާއި ގައުމަށް ޚިދުމަތްކުރުމުގައި ވަފާތެރިކަމާއި އިޚްލާސްތެރިކަމާއެކީ ދެމިހުންނާށޭ،" ހުސައިން އަކީ ބަސް އަހައި ކިޔަމަންތެރި ދަރިއެއްކަން ފާހަގަކުރައްވައި އާމިނަތު ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވުނު ހުސައިން ފާހަގަކުރައްވާ އެއް ކަމެއް އެބައޮތެވެ. އެއީ އެ މަނިކުފާނުގެ ބައްޕައަކީ ސިޔާސީ ދާއިރާއަށް ނިކުންނެވުމަށް އެ މަނިކުފާނަށް އެންމެ ބޮޑަށް ބާރު އެޅުއްވި އެކަކު ކަމެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަަބަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހު ދުވަސްވަރުން ފެށި، ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގެ ތެރޭ، ރަށުގެ ކަތީބުކަން ފަދަ ސިޔާސީ މަގާމުތައް ގިނަ ދުވަސްތަކަކަށް ފުރުއްވައިފައި ހުރުމެވެ.
ހުސައިން ވިދާޅުވި ގޮތުގައި ބައްޕަގެ ސިޔާސީ މަސައްކަތްތަކަކީ އެ މަނިކުފާނު އަބަދު ވެސް ފިލާވަޅު ހާސިލްކުރާ ކަމެކެވެ. އަދި އެއީ އެ ނަމޫނާއާއެކު ކުރާ މަސައްކަތްޕުޅުގައި އިތުރު ހިތްވަރެއް ވެސް ލިބޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައެވެ.
ހުސައިންގެ ބައްޕާފުޅު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއިން ހުސައިން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. ދެން އޮތީ ގައުމަށް ޚިދުމަތްކޮށްދިނުންކަމަށާއި އެ މަސައްކަތުގައި ސާބިތުވެ ހުރުންކަމަށެވެ.
"މިހާރު ހުސައިން މަގާމުގެ ގޮތުން ޚިދުމަތް ކުރަންޖެހިފައި މިވަނީ ގައުމަށް. ގައުމަށް ޚިދުމަތް ކޮށްދެއްވުމުގެ މަސައްކަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވާނެކަން އަޅުގަނޑު ޔަގީންކުރަން. ހުސައިން އަކީ ހަގީގަތުގައި ވަރަށް އިޚްލާސްތެރި ވަރަށް ކިޔަމަންތެރި ދަރިއެއް،" ހުސައިންގެ މަސައްކަތާ މެދު ފަޚުރުވެރިވާކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވިއެވެ.
އޭނާވަނީ ވެރިންނަށް ކިޔަމަންތެރިވެ ގައުމަށް އިޚްލާސްތެރިވުމަށް ހުސައިނަށް ނަސޭހަތްތެރިވެލައްވައިފައެވެ. އަދި ދީން އިސްކުރުމަށް ވެސް ހުސައިންގެ ބައްޕަވަނީ، ހުސައިންގެ ކިބައިން އެދިލައްވައިފައެވެ. އަދި އެއީ ކުރިއެރުމުގެ މަގުކަމަށް ވިދާޅުވިއެވެ.
އެއާއެކު ހުސައިންގެ މައިންބަފައިން ވަނީ ނައިބު ރައީސަކަށް ވުމަށް ހުސައިންއަށް ހުށަހެޅުއްވީތީ ޑރ. މުޙައްމަދު މުއިއްޒުއަށް ޝުކުރު އަދައިކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުން
ސިޔާސީ ދާއިރާގެ ތެރެއަށް އެންމެ ފުރަތަމަ ނިކުމެވަޑައިގެންނެވު ހިސާބަކީ 18ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެއިރު އެ މަނިކުފާނު މަޖިލީހަށް ހޮވިވަޑައިގަތީ ވެރިކަމުގައި އޮތް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އެ ދައުރުގެ ތެރެއިން ފަހުން ޖުމްހޫރީ ޕާޓީގައި ވެސް އެ މަނިކުފާނު އުޅުއްވިއެވެ.
އޭގެ ފަހުން އެ މަނިކުފާނުގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި އިތުރުވެގެން އައީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ އެކުގައެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި އެ މަނިކުފާނު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ފުރިހަމަ ތާއީދަކާއެކުގައެވެ.
އެހާ ހިސާބުން ދާއިރާގެ ކަންކަމުގައާއި، ގައުމީ އެކި މައްސަލަތަކުގައި މަޖިލީހުގެ ތެރޭގައި އެ މަނިކުފާނު ވަކާލާތުކުރައްވަން ފެއްޓެވިއެވެ. އެއާއެކު 2019ވަނަ އަހަރު ސިޔާސީ ގޮތުން އޭރުގެ އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވިއެވެ.
އެ މުއްދަތުގައި އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދިޔަ ސިޔާސީ ބޮޑެތި އެއްވުންތަކުގެ އެންމެ ކުރީ ސަފުގައި އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ފެނިފައެވެ.
ރަނިން މޭޓަކަށް ވުމަށް ހުށަހެޅުން
ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިން މޭޓަކަށް ވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ، ކޯލިޝަން ލީޑަރު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑުއެހުމެއްގެ ތެރެއިންކަމަށް މީގެކުރިން ހުސައިންވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަނިކުފާނަށް ރަނިންމޭޓުކަން ހުށަހެޅުއްވި ދުވަހުގެ ކުރީ ރޭ ޑރ. މުއިއްޒުވަނީ ޒުވާނުން އިސްކުރެއްވުމުގެ ވާހަކަފުޅުތަކެއް އެ މަނިކުފާނާއެކުގައި ދައްކަވައިފައެވެ.
އޭގެ ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އަޑުއެހުމެއް އޮތްއިރު، އެ އަޑު އެހުން މެދުކަނޑައިލި ވަގުތު، ޑރ. މުއިއްޒު، ހުސައިންއަށް ރަނިންމޭޓުކަން ހުށަހެޅުއްވީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ހުށަހެޅުމާއެކު ގޮތެއް ނިންމުމަށް ލިބިވަޑައިިގަތީ މަދު ވަގުތުކޮޅެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުރަތަމަ ކަމަކަށް ބައްޕައަށް ގުޅުއްވައި، ބައްޕަގެ ލަފާ ހޯއްދެވީކަމަށް ވިދާޅުވެފައިވެއެވެ.
"ތިމަންނަ ވަރަށް ބޮޑު އެދުމެކޭ، ސެމްބެއަށް މި ކަން ކުރެވޭނެކަން މި ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިމަންނައަށް ސާބިތުވެގެން ގޮސްފިއޭ، މި ކަން ތިމަންނައައިގެން ކުރިއަށް ދާންވީނޫންހޭ އަދި ރައީސް ޔާމީން ވެސް އެބަ އެދިލައްވައޭ ތިމަންނާ އަރިހުގައި ޒުވާނުންގެ ވޯޓަށް ވެސް ޓާގެޓްކުރުމަށް،" ޑރ. މުއިއްޒު އެ މަނިކުފާނަށް ރަނިން މޭޓުކަން ހުށަހެޅުއްވުމުގައި ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވަމުން ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ޑރ. މުއިއްޒުގެ ހުށަހެޅުއްވުމަށް 'އާ ބަސް' ވިދާޅުވުމުގައި އެންމެ ބޮޑަށް ވިސްނެވީ އެ މަނިކުުފާނުގެ ޝަޚުސާއި އެކުގައި ކުރެވުނު މަސައްކަތްތަކުގައި ކުރެއްވުނު ތަޖުރިބާތަކާމެދު ކަމަށެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވުމާ ހަމައިން ޑރ. މުއިއްޒު ދެކެދެނެވަޑައިގެން، ވާހަކަފުޅުދައްކަވަން ފެށުނު ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ހިންގުންތެރިކަމާއި މަސައްކަތްތައް ވަަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް ސެމްބެ ވިދާޅުވިއެވެ.
އަދި މަޖިލީހުގެ މަސައްކަތްތައް ކުރެއްވުމުގައި އެ މަނިކުފާނަށް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އެހީތެރިކަން އަބަދުވެސް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން އެ މަނިކުފާނުގެ މިޒާޖާއި އެ މަނިކުފާނުގެ ބައްޓަންކުރައްވަމުން އައި ސިޔާސަތުތަކަކީ އަޅުގަނޑަށް ވަރަށް ކަމުދާ ވަރަށް ރަނގަޅު ސިފަތަކަކަށް ވެގެންދިޔަ،" އެ މަނިކުފާނު މީގެ ކުރިންވިދާޅުވިއެވެ.
މީގެ އިތުރުން އެ ނިންމެވުން ނިންމެވީ ސިޔާސީ ދާއިރާގައި މަޖިިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހޯއްދެވުނު ތަޖުރިބާތަކާއި، އެ މަސްއޫލިއްޔަތު އަދައިކުރެވޭނެކަމަށް އަމިއްލަފުޅަށް ވެސް ގަބޫލުފުޅުކުރައްވާތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސެއްގެ ގޮތުގައި އަދައިކުރައްވާނެ ދައުރު
ހުސައިން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގެ މުސްތަގްބަލު އަދި ކުރިއަށް އޮތީއެވެ. ދަސްކުރަައްވައި ތަޖުރިބާ ހޯއްދަވަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ސިޔާސީ ދާއިރާއިން އިތުރު މަސައްކަތްތައް ކުރައްވައި، ތަޖުރިބާ ހާސިލްކުރެއްވުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެކެވެ. އެގޮތުން އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސިޔާސީ މަސައްކަތްތައް ކުރައްވައި، ގައުމީ ގޮތުން ފާހަގަވާ ސޯޝަލް ސެކްޓަރުގެ މުހިންމު މަސައްކަތްތައް ކުރައްވާނެކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސިޔާސީ ޙަޔާތް ޅަ އިނގޭތޯ. އަދި އުމުރުން ވެސް ޅަ. އެހެންވީމާ ވަރަށް ބައިވަރު ތަޖުރިބާތަކެއް އެބަ ބޭނުންވޭ މީގައި ކުރިއަށްދާން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއެކު އެ މަނިކުފާނު ހަވާލުކުރައްވާ މަސައްކަތްތައް ކުރައްވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ. އޭގެ ތެރޭގައި މެނިފެސްޓޯ ތަންފީޒުކުރެއްވުމުގެ މުހިންމު މަސައްކަތް ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ފަސް އަހަރަކީ ނައިބު ރައީސެއްގެ ހައިސިއްޔަތުން ގައުމުގެ އެންމެ މަތީ އެއް މަގާމުގައި ހުންނަވައިގެން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަން އެ މަނިކުފާނު ކުރިމަތިލައްވާނެ ފަސް އަހަރެވެ.
ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ނަމޫނާ ދައްކައި، ރާއްޖެ ބަލައިގަންނަ މަސައްކަތްޕުޅެއް ކުރެއްވުމަކީ އެ މަނިކުފާނުގެ އެންމެ އިސް މަސްއޫލިއްޔަތެވެ. އެ ކަމުގައި ޑރ. މުއިއްޒުގެ އަރިހުގައި ދެމިހުންނަވާނީ އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ޑރ. މުއިއްޒަށް ދެންނެވިން އޭރުގައި އަޅުގަނޑާ ދޭތެރޭ އިތުބާރުކުރައްވައްޗޭ. އަޅުގަނޑުވާނަމޭ މަނިކުފާނު އިންތިޚާބު ކުރެވިއްޖެނަމަ އިޚްލާސްތެރި ނައިބު ރައީސަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.