ގޯއްޗާއި ފްލެޓް ދިނުމުގެ ދެވަނަ ފިޔަވައްސަށް ފޯމް ހުށަހެޅި މީހުންގެ ލިސްޓު އާންމުކޮށްފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލި މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އިއުލާނެއްގައި ވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެ ދެ ސްކީމަށް ކުރިމަތިލި މީހުންގެ ލިސްޓު ހިމަނާފައެވެ.

އެ މިނިސްޓްރީން ބުނީ، ފޯމް ހުށަހަޅާފައިވާ މީހެއްގެ ނަން ލިސްޓުގައި ނެތް ކަމަށް އެކަމުގެ ޝަކުވާ މިމަހުގެ 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ ގެދޮރުވެރިން މަޝްރޫއަށް ޚާއްޞަކޮށްފައިވާ މެއިލްއަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލާފައިވާ މީހުންގެ އަދަދު 21247އަށް އަރާއިރު، ބިންވެރިންޔާ ސްކީމްގެ ދެވަނަ ފިޔަވަައްސަށް ކުރިމަތިލާފައިވާ މީހުންގެ އަދަދު 19347އަށް އަރައެވެ.

ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 4000އަށް ވުރެ ގިނަ ގޯތި ދޫކުރާނެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.

މި މަޝްރޫއު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާންކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މާލޭގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ލިބޭނެ ކަމެއް ކަމަށެވެ.

https://sun.mv/183799

މިއަދު ވެރިކަމުގެ ހުވާ ކުރައްވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދެވަނަ ބުރުގައި ގޯއްޗާއި ބިމަށް އެދި ހުށަހަޅާފައިވާ ފޯމްތައް ބާތިލް ނުކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފި ނަމަ އެ ގެންދިޔަ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5،000 ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ވަނީ މިދިޔަ އޮގަސްޓު މަހު އިއުލާންކޮށްފައެވެ. އަދި އެމީހުންނަށް ލިބޭ ގޯތި ކަނޑައެޅުމަށް ގުރު ނަގައި، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންގޮސްފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުނީ މިމަހުގެ ހަތަރެއްގައެވެ. ނަމަވެސް އެ ލިސްޓާ ގުޅޭ ގޮތުން ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުން ޝަކުވާއަށް ހުޅުވާލުމަށް ފަހު މިދިޔަ ބުދަ ދުވަހު އަލުން ލިސްޓު ނެރުނެވެ.

ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުން މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށް ބުނެ، ފްލެޓު ދިނުމުގެ އެއްވެސް މަސައްކަތެއް ކުރިއަށްނުގެންދިޔުމަށް އަންގައިފިއެވެ. އެއާއެކު އޭސީސީން ވަނީ ފްލެޓުތައް ދިނުމުގެ މަސައްކަތްތައް ހުއްޓާލާފައެވެ.

comment ކޮމެންޓް