ގެދޮރުވެރިޔާއާއި ބިންވެރިޔާގެ ދެވަނަ ބުރަށް ހުށަހެޅި ފޯމް ބާތިލުނުކުރާނަން: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ސަން ފޮޓޯ/ މާހިލް އާތިފް

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ބިމަށް އެދި ހުށަހެޅި ފޯމްތައް ބާތިލް ނުކުރާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފި ނަމަ އެ ގެންދިޔަ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށާނެ ކަމަށެވެ.

"ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ މުހިންމު ސިޔާސަތުކަން އަޅުގަނޑުމެން ވާނީ ކެމްޕެއިންގައި ތަކުރާރުކޮށް ދަންނަވާފައޭ. އެހެންވީމަ އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލެއް ނުކުރަނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ގެދޮރަށް އެދި ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަންޖެހޭ ކަހަލަ ގޮތެއް މެދުވެރިވިޔަ ނުދޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، ކަންކަން ބައްޓަންކުރަން ބޭނުންވަނީ މިހާރަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ވާގޮތަށް، މިހާރަށްވުރެ އިންސާފުވެރިކޮށް ކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"މިހާރު ކުރިއަށްގެންދާ މަރުހަލާގައި އެކުރިއަށްގެންދާ މަރުހަލާގައި އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރިކަމަށް ވަންޏާ ރައްޔިތުންނަށް އޭގެއިން އެންމެ އިންސާފުވެރި ވާނެ ގޮތަކަށް އޭގެ ފުރުސަތު ދޭނަން. އެހެން ނަމަވެސް، އެއްވެސް ބޭފުޅެއްގެ އެޕްލިކޭޝަނެއް ބާތިލްކުރަން ޖެހި އަލުން ހުށަހަޅަން ޖެހޭ ކަހަލަ އުނދަގުލެއް ދިމާވާކަހަލަ ކަމެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތް ހިއްސާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، މާލޭ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައި ވާކަމަށެވެ.

"އެގޮތުން ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، މި ދެންނެވީ އީއައިއޭ ނިންމާ ޕްލޭން ހަދާ ފަންޑު ހަމަޖައްސާ ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ޑްރެޖަރު ގެނެސް އަމަލީ ބިންހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސްތެރޭގައި އަމަލީގޮތުން ފަށާނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯތި އަދި ފްލެޓަށް އެދުމުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވި އިރު، އެ ސްކީމަށް 40،594 ފޯމު ހުށަހަޅައިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެއީ ބިމަށް އެދި ހުށަހެޅި 19،347 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 21،247 ފޯމެވެ.

https://sun.mv/183693

މިހައި ގިނަ އަދަދެއްގެ ފޯމު ހުށަހަޅައިފައިވާއިރު، އިވެލުއޭޝަން މަސައްކަތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވިދާޅުވީ، މި ދައުރު ނިމެންވާއިރަށް އެ ހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ.

comment ކޮމެންޓް