ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑު ޑޭވިޑް ބެކަމް އިންޑިއާއަށް ކުރި ހާއްސަ ދަތުރުގައި ބޮލީވުޑްގެ ތަރިންނާ ބައްދަލުކޮށްފިއެވެ.
ޔުނިސެފް ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ޑޭވިޑް ބެކަމް އިންޑިއާއަށް ކުރި މި ދަތުރުގައި އިންޑިއާގައި ހުންނަ މެޓާ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޒުވާން ބަތަލާ ސާރާ ޢަލީ ޚާންވަނީ ޑޭވިޑް ބެކަމްއާ ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ބޮލީވުޑްގެ އުއްމީދީ ބަތަލާ ސާރާ ޢަލީ ޚާން އާއި ބެކަމްއާ ދެމެދު ދެކެވުނު ވާހަކައިގެތެރޭ، ޑޭވިޑް ބެކަމް އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ލިބުނު ކުޅުންތެރިއެއްކަން ވަނީ ފާހަގަކޮށްފައެވެ. މަޝްހޫރު ސެލެބްރިޓީ ކުޅުންތެރިއަކަށް ވުމުގެ އިތުރުން ޑޭވިޑްއަކީ މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތެއްކަމަށާއި، އެ ޒިންމާތައް އަދާކުރަމުން ލޯބި ލޯބި ޢާއިލާއަކަށް ވަގުތު ދީ މަސައްކަތަށް ވަގުތު ހޯދަނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.
މަޝްހޫރު ފުޓްބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑްއަށް ގިނަ ކާމީޔާބީތައް ހޯދައިދިން ބެކަމްގެ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ދާދިފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި ޑޮކިއުމެންޓްރީ "ބެކަމް"އިން ވަރަށް ފުރިހަމައަށް ދައްކުވައިދިން ކަންވެސް ސާރާ ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ސެލެބްރިޓީއަކަށް ވުމާއެކު އަމިއްލަ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި ބެކަމް އެކަމާ ކުރިމަތިލަނީ ކިހިނެއްތޯ ސާރާ ވަނީ ސުވާލުކޮށްފައެވެ. ހަމަ އެއާއެކު މަޝްހޫރު ކުޅުންތެރިޔާ އާއްމުންގެ ތެރެއިން ފެނިލާ އެއްވެސް ފެނިލުމަކުން އެކަހަލަ ހާސްކަމެއް ނުދައްކާ ކަމަށާއި އާއިލާއާއެކު އެ އޮންނަ ހިތްގައިމު ގުޅުން އެގޮތުގައި ދެމިއޮތުމުގެ ސިއްރަކީ ކޮބައިތޯ ސާރާ ވަނީ އަހާފައެވެ. ސާރާގެ މި ހުރިހާ ސުވާލުތަކަށް ޖަވާބު ދެމުން ބެކަމް ބުނީ އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ވެސް ދާދިފަހުން ރިލީޒްވި ޑޮކިއުމެންޓްރީ "ބެކަމް"އިން ލިބޭނެ ކަމަށެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެ ޑޮކިއުމެންޓްރީއަކީ ޑޭވިޑްގެ ދިރިއުޅުމުގައި މިހާތަނަށް އާއްމުންނަށް ނުފެންނަ ނޭނގޭ ގިނަ ވާހަކަތަކެއް ހިމަނާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށާއި އެ ވާހަކަތައް އޭނާގެ ސަޕޯޓަރުންނަށް ހަނދާންކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އާއިލާއިންވެސް ދުށް ކަމަށް ބެކަމްވަނީ ބުނެފައެވެ.
ބެކަމް މުމްބާއީއަށް ކުރި ދަތުރުގައި ވަނީ މިހާރު ކުރިޔަށްދާ އައިސީސީ ކުރިކެޓް ވޯލްޑް މުބާރާތުގެ ސެމީ ފައިނަލް މެޗްވެސް ބަލާފައެވެ. އޭނާ އިންޑިއާގައި ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ކިހާ ދުވަހެއްކަމެއް އަދި ސާފެއް ނުވެއެވެ.