ފުލުސް އޮފީސް ހިންގުން މަންނާނާ ހަވާލުކޮށްފި

އެކްޓިން ޕޮލިސް ކޮމިޝަނަރު މަންނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު، ރިޓަޔާ ކުރެއްވުމުން ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފާ މިއަދު ހަވާލު ކޮށްފިއެވެ.

މި ވެރިކަމުގައި ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ހަމީދު، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ އިއްޔެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އިން ފެށިގެން މަންނާނަކީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭތީ އޭރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މަންނާން ވަނީ އެ އަހަރުގެ މޭ މަހު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

މަންނާނުއަށް އަލުން ވަޒީފާ ދިނީ ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ. އަދި އޭނާއަށް ޑެޕިއުޓީ ކޮމިޝަނަރުކަން ދިނީ މި ސަރުކާރުގައެވެ.

ޑރ. މުޙައްމަދު މުއިއްޒު މާދަމާ ވެރިކަމުގެ ހުވާ ކުރައްވާއިރު އެ ސަރުކާރުން އާ ޕޮލިސް ކޮމިޝަނަރެއް އައްޔަން ކުރައްވާނެއެވެ.

އިއްޔެ ސީޕީކަމުން ހަމީދު ރިޓަޔާ ކުރެއްވުމުގެ ކުރިން ވަނީ ގިނަ ފުލުހުންތަކަކަށް ބޮޑެތި ޕްރޮމޯޝަންތަކެއް ދީފައެވެ.

comment ކޮމެންޓް