ޣައްޒާގެ ކުޑަކުދިން މެރުން ނިމުމަކަށް ގެންނަން ޖެހޭ: ކެނެޑާގެ ބޮޑު ވަޒީރު

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ -- ފޮޓޯ/އައުޓްލުކް އިންޑިއާ

ޣައްޒާގެ ކުޑަކުދިން މެރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލަށް ޓްރޫޑޯ ފާޑުކިޔުއްވި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެ މީހުންގެ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށް ކެނެޑާއިން އައީ ބުނަމުންނެވެ. ނަމަވެސް އެމެރިކާއާއި އެހެން ބައެއް ހުޅަނގުގެ ގައުމުތަކެކޭ އެއްފަދައިން ޣައްޒާގެ ކުށެއްނެތް އާންމުން މެރުން ކެނެޑާއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

"ކުޑަކުދިންނާ އާންމުން މެރުން ހުއްޓުމަށް އަޅުގަނޑު އިސްރާއީލުގެ ސަރުކާރަށް އިލްތިމާސް ކުރަން. ޓީވީތަކުންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މުޅި ދުނިޔެ އެބަ ބަލާ. އަޅުގަނޑުމެންނަށް އަޑުއިވެނީ ޑޮކްޓަރުން، އާއިލާތަކުގެ މެންބަރުން، ހަމަލާތަކުން ސަލާމަތްވި މީހުން، މައިންބަފައިން ގެއްލިފައިވާ ކުދިންގެ ހެކިބަސް،" ޓްރޫޑޯ ވިދާޅުވިއެވެ.

އަދި، ކެނެޑާގެ 350 އެއްހާ ރައްޔިތުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން މިހާރު ޣައްޒާއިން ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައިވާ މީހުންނާއި، ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލުމަށް ވެސް މިދިޔަ ހަފުތާގައި ޓްރޫޑޯ ވަނީ ގޮވައިލައްވާފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފެނާއި ކާނާ އަދި ތެޔޮ ވެސް ޣައްޒާގެ އާންމުންނަށް ނުލިބޭއިރު، ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ގާތްގަޑަކަށް ދެބައިކުޅައެއްބައި ހޮސްޕިޓަލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެގޮތުން ޣައްޒާގެ އެންމެ ބޮޑު، އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން އިންކިއުބޭޓަރަށް ލާފައިތިބި 39 ތުއްތު ކުއްޖަކު މަރާ ހަނގުރާމަ ކުރަމުންދާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކުދިން މިހާރު ވަނީ މަރު ވެސް ވެފައެވެ.

comment ކޮމެންޓް