ދެވަނަ ދައުރަަކަށް އީސީގެ މެންބަރުކަމަށް ނަޝާޠު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ދެވަނަ ދައުރަކަށް އއ.ފެރިދޫ ހާލި، ޢަލީ ނަޝާޠު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ނަޝާޠާ ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

ލިޔުން ހަވާލުކުރުމުގެ ކުރިން ނަޝާތު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

މިދިޔަ ޖުލައި މަހު ދައުރު ހަމަވުމުގެ ސަބަބުން، އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރުމަށް ރައީސް ޞާލިޙް މެއި މަހު އޭނާގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

ނަމަވެސް އުފެދުނު ކޯޅުންތަކާ ގުޅިގެން ވަކި ގޮތެއް ނުނިންމާ ޖޫން މަހުގެ 22ގައި މަޖިލިސް ޗުއްޓީއަށް ދިޔައެވެ. ހަތަރު މަސްވަންދެން މަޑުޖެހުމަށްފަހު އިއްޔެ ވަނީ އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަންކުރުމަށް ރުހުން ދީފައެވެ.

ނަޝާތު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ 42 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. އޭނާ އައްޔަން ކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ނުވަ މެންބަރުންނެވެ.

ނަޝާތު އީސީގެ މެންބަރަކަށް ވެވަޑައިގެންނެވީ، 2018 ވަނަ އަހަރުގެ ޖުލައި 25ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ.

ނަޝާތުގެ މަގާމުގެ މުއްދަތު ހަމަވެފައި އޮތުމުން، މިދިޔަ ރިޔާސީ އިންތިޚާބު އީސީން ބޭއްވީ އެއް މެންބަރަކު ނެތިއެވެ.

comment ކޮމެންޓް