ބްރެޒިލުން އަނިޔާގައި ހުރި ޖެސުސް ބޭނުންކުރަނީ

އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސުސް -- ފޮޓޯ/ ގެޓީ

ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް އަނިޔާގައި ހުރި އާސެނަލްގެ ފޯވަޑް ގެބްރިއެލް ޖެސުސް ބޭނުންކުރާނެ ކަމަށް ބްރެޒިލް ގައުމީ ކޯޗު ފެނާންޑޯ ޑިނިޒް ބުނެފިއެވެ.

ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އާސެނަލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ފެނިފައިނުވާ ޖެސުސް، ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ބްރެޒިލްގެ ސްކޮޑުގައި ވަނީ ހިމަނައިފައެވެ. އެންމެ ފަހުން އޭނާ މެޗެއް ކުޅެފައިވަނީ މިދިޔަ މަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ބްރެޒިލް ކޯޗު ޑިނިޒް ބުނެފައިވާ ގޮތުގައި ޖެސުސް ބޭނުންކުރި ނަމަވެސް، އޭނާއަށް ހާއްސަ ސަމާލުކަން ދޭނެއެވެ.

"އަހަރެން ޖެސުސްއަށް ފުރިހަމައަށް އިތުބާރުކުރަން. އޭނާ މިތަނަށް އައީ ޕްލޭނެއް ނެތިއެއް ނޫން. ޖެސުސް ހުރީ ތައްޔާރަށް، އަދި އޭނާއަށް ވަކި ކަންތައްތަކެއް ކޮށްދެވޭނެ. އަނިޔާގައި ބާކީ ދެ ހަފުތާ އޮއްވައި، އަހަރެން ޖެސުސް ޓީމަށް ނެގީ އޭނާއާ ވާހަކަދެއްކުމަށް ފަހު. އޭނާ ޓީމާ ގުޅުމާ އެކު އެމްއާރްއައިއެއް ހަދައިގެން ކުރިއަށް މިދަނީ. އަހަރެމެން އޭނާއަށް ހާއްސަ ސަމާލުކަމެއް ދޭނަން. ޖެސުސް ރަނގަޅު ނަމަ، އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބޭނުންކުރެވޭނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ބްރެޒިލްގެ ކޯޗު ޑިނިޒް ބުންޏެވެ.

ޑިނިޒް ބުނީ ބްރެޒިލްގެ ސްކޮޑަށް ޖެސުސް ނަގާފައިވަނީ ސަބަބުތަކަކާ ގުޅިގެން ޓީމަށް އޭނާ މުހިންމުވުމުން ކަމަށާއި އޭނާއަކީ މީގެ ކުރިން ވެސް ބްރެޒިލް ޓީމަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް އެ މަސައްކަތްކޮށްދީފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި، ޖެސުސް އެނބުރި އާސެނަލަށް ދާނީ މިހާރު ހުރި ހާލަތަށްވުރެ ވެސް ރަނގަޅު ހާލަތެއްގައި ކަމަށް ޑިނިޒް ބުންޏެވެ.

ޖެސުސްއަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާއަށް ވެސް ވަރަށް މުހިންމު ފޯވަޑެކެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި ގޯލެއް ޖަހައި، ޗެމްޕިއަންސް ލީގުގައި ތިން ގޯލު ޖަހައިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން މާދަމާ ކޮލަމްބިއާއާ ދެކޮޅަށް ނުކުންނަ އިރު, އާޖެންޓީނާއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ ބުދަ ދުވަހުއެވެ.

comment ކޮމެންޓް