ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް ތެޔޮ ހިފައިގެން ދިޔަ ޓްރަކެއް މިސްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އިއްޔެ ވަދެއްޖެއެވެ.
އެ ޓްރަކްގައި 24،000 ލީޓަރުގެ ތެޔޮ ޣައްޒާއަށް އެތެރެކޮށްފައިވެއެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ޣައްޒާގެ އާންމުން ކާނާއާއި ފެން އަދި ކަރަންޓަށް ވެސް ޖެހިފައިވާއިރު، ހަނގުރާމަ ފެށި ފަހުން އިއްޔެއާ ހަމައަށް ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.
އަހްރަމް އޮންލައިން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާއަށް ވެއްދި ތެޔޮ ފޯރުކޮށްދޭނީ އދ އަށެވެ. އަދި، އދ ގެ ޓީމުތަކުން ތެޔޮ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.
ޣައްޒާއަށް އިއްޔެ ވަދެފައިވާ ޓްރަކްގެ އިތުރުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަނުމަށް އިތުރު ދެ ތެޔޮ ޓްރަކް އެބައޮތް ކަމަށް ވެސް އަހްރަމް ނޫހުން ރިޕޯޓުކުރެއެވެ.
އިއްޔެ ޣައްޒާއަށް ތެޔޮ އެތެރެކޮށްފައިވާއިރު، ރަފަޙް ހުރަސްކޮށް އެހީ ހިފައިގެންދާ އދ. ގެ ޓްރަކްތަކަށް މިސްރު ފަޅިން ތެޔޮ އަޅައިދޭނެ ކަމަށް އިސްރާއީލުން ބުދަ ދުވަހު ވަނީ ބުނެފައެވެ.
ޣައްޒާއަށް ތެޔޮ އެތެރެކުރަން ހުއްދަ ދޭން ނިންމި ނިންމުމަކީ އެމެރިކާގެ އެދުމަކަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިސްރާއީލުން ބުނެއެވެ. ނަމަވެސް ޣައްޒާއަށް 24،000 ލީޓަރުގެ ތެޔޮ އެތެރެކުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އިސްރާއީލުން ނުދެއެވެ. ޝިޕްމަންޓްތައް ޑެލިވަރީ ކުރާނީ ކޮން އިރަކު ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ޣައްޒާއަށް ތެޔޮ އެތެރެކޮށްފައިވަނީ، ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާއަށް އެހޯ ދިނުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހުއްޓައިލަން މަޖުބޫރުވާނެ ކަމަށް އދ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ)އިން ހޯމަ ދުވަހު ބުނެފައިވަނިކޮށެވެ.
ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ދެބައިކުޅަ އެއްބައި ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓިފައިވާއިރު، ހޮސްޕިޓަލްތަކުގައި ތިބި އެތައް ބަޔަކު ވަނީ މަރުވެފައެވެ.