ލޯބިވެރިޔާއާ އެކު ބެކަމް ޗެލެންޖު ޓެސްޓު ކޮށްފިންތަ؟

ދެ މީހެއްގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމަކީ އެއަށް މަސައްކަތް ކޮށް ދެކޮޅުން ވެސް ބާރުލައިގެން ވަރުގަދަ ވާ އެއްޗެކެވެ. ދެ މީހުންގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެކި ކަހަލަ ހަރަކާތްތައް މީހުން ކުރިއަށް ގެންދެއެވެ. ޑޭޓަށް ދިޔުމާއި އާއިލާއާއި އެކުވެރިންނާ ބައްދަލުކުރުން ފަދަ ކަންތައް ހިމެނެއެވެ.

ނަމަވެސް މި ގުޅުންތަކުގައި ހުރި ފެންވަރެއް ޓެސްޓު ކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟

ޓިކްޓޮކްގައި މި ދުވަސްވަކޮޅު ވައިގައި ހިފަން ފަށާފައިވަނީ އެންމެ ބޮޑު އެއް ޕަވާ ކަޕަލް ކަމަށްވާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް ދެ މީހުން ހާއްސަ "ބެކަމް ޓެސްޓް"އެވެ. މި ޗެލެންޖާ އެކު ލޯބީގެ ގުޅުމުގެ ފެންވަރު ޓެސްޓުކޮށްލައެވެ.

މި ޗެލެންޖު އުފެދިގެން އައީ ނެޓްފްލިކްސްއިން ދާދި ފަހުން އާންމުކޮށްފައިވާ ލިމިޓެޑް ޝޯއަކާ ގުޅިގެންނެވެ. މި ޝޯއަކީ ބެކަމް އާއި ވިކްޓޯރިއާގެ އާންމު ދިރިއުޅުމުގެ ތެރެއިން ދުވަސްތަކެއް ދައްކުވައިދޭ ޝޯއެކެވެ. މި ޝޯގައި ދެ މީހުންގެ ދިރިއުޅުމުގެ އާދަތަކާއި ދެ މީހުން އާއިލާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައެވެ.

ޝޯ ނިމެން ގާތް ވެފައިވަނިކޮށް ފެނިގެން ދަނީ ދެ މީހުން ގޭގެ ބަދިގޭގައި ތިއްބައި އަންނަ ލަވައަކާ އެކު ދެ މީހުން އެކީގައި ނަށަން ފަށައި މަންޒަރެވެ. ގިނަ އިރުތަކެއް ނުވެ، މި މަންޒަރު ވައިރަލް ވެއެވެ. އަދި، އެއާ އެކު އާންމު ޖޯޑުތަކުގެ ދިރިއުޅުން ވެސް އެ މީހުންގެ ދިރިއުޅުމާ އަޅައި ކިޔަން ފަށައި ބޮޑު ޗެލެންޖެއް ފެށިއެވެ.

މި ޗެލެންޖުގައި މީހުން އަންނަނީ އެ މީހުންގެ ޕާޓްނަރުން ސަޕްރައިޒް ކޮށްލަމުންނެވެ. އެކަމު މި ފަހަރު ސަޕްރައިޒް ކޮށްލަނީ ޑޮލީ ޕާޓަން އާއި ކެނީ ރޯޖާސްގެ "އައިލެންޑް އިން ސްޓްރީމްސް" ލަވައަށް ޑާންސް ރޫޓީންއެއް ޖައްސާލައިގެންނެވެ. މި ލަވައަށް ޑާންސް ކޮށްލާ އިރު ޕާޓްނަރުގެ ރިއެކްޝަން ބަލައިލުމަކީ މި ޗެލެންޖުގެ ގޯލެވެ. އަދި، އެތައް ބަޔަކު އަންނަނީ އެ މީހުންގެ ބައިވެރިޔާގެ ރިއެކްޝަން ބަލައިލުމަށް މަންޒަރު ރިކޯޑު ވެސް ކުރަމުންނެވެ.

މި ޗެލެންޖުން ފާސް ވާން ބޭނުންވާ ނަމަ ބައިވެރިޔާ ވެސް އެ ޑާންސްގައި ބައިވެރިވާން ޖެހޭނެއެވެ. އެ މަންޒަރު ބަލައި ބައިވެރިޔާ އެއްވެސް ކަހަލަ ރިއެކްޝަނެއް ނެތި ރޫޓީންގައި ބައިވެރި ނުވެއްޖެ ނަމަ މި ޗެލެންޖު ފެއިލްވީއެވެ.

އެހެންވީމާ ލޯބީގެ ފެންވަރު ޓެސްޓު ކޮށްލަން މިއީ ވެސް ކޮށްލެވިދާނެ ކަމެކެވެ.

comment ކޮމެންޓް