ބެކަމްގެ ހާއްސަ ދަޢުވަތު ޝާހްރުކް ޚާނަށް

ޑޭވިޑް ބެކަމް ޝާހްރުކް ޚާނާ އެކު އެކްޓަރުގެ ގެ މަންނަތުގައި

ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް ދާދި ފަހުން އިންޑިއާއަށް ކުރި ދަތުރުގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ ބައްދަލުކޮށްފިއެވެ.

ޑޭވިޑް ބެކަމް އިންޑިއާއަށް ކުރި ފުރަތަމަ ދަތުރުގައި ޝާހްރުކް ޚާން ވަނީ އެކްޓަރުގެ ހައިބަތު ދައްކުވައިދޭ ގެ މަންނަތުގައި ބޭއްވި ހާއްސަ ކެއުމަކަށް ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާއަށް ދަޢުވަތު އަރުވައިފައެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުކަމުގެ ދައުރު ވެސް އަދާކުރާ ޑޭވިޑް ބެކަމް، ޝާހްރުކް ޚާންގެ ޢާއިލާއާ އެކު ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރިކަމަށް އަމިއްލަ ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.

ޑޭވިޑްއާ ބައްދަލުވުމުން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާގެ އޯގާތެރިކަމާއި މަޑުމައިތިރި ސިފައާ އެކު ހިތްތިރިކަން ވަރަށް ގާތުން ތަޖުރިބާކޮށްލަން ލިބުނުކަމަށް ޝާހު ވަނީ ބުނެފައެވެ. އަދި، ޑޭވިޑްގެ އަމިއްލަ އާއިލާއާއި ކުދިންނާ އެކު އެ އޮންނަ ގާތް ގުޅުމުގެ ފަހަތުގައި ވެސް ވަނީ ކުރީގެ ކުޅުންތެރިޔާގެ މި ސިފަތައްކަން ޝާހުއަށް އިހުސާސް ކުރެވުނުކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ޑޭވިޑް ބެކަމް އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޮލީއާ އެކު ---

ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާނާ އެކު ނަގާފައިވާ ފޮޓޯއެއް ޑޭވިޑްގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައި ވަނީ، ޝާހްރުކް ޚާން ފަދަ އާއްމުންގެ ލޯތްބާއި އިޙުތިރާމް ހޯދާފައިވާ ފަރާތަކާ އެކު ކެއުމަކަށް އިންސާފުކުރަން ފުރުސަތު ލިބުމަކީ ޑޭވިޑަށް ލިބުނު ޝަރަފެއް ކަމަށެވެ. ޝާހުގެ ލޯބިލޯބި ޢާއިލާއާ ގާތް ރަޙްމަތްތެރިންނާ އެކު ބައްދަލުކޮށް ހޭދަކުރި ވަގުތުކޮޅަކީ އުފާވެރި ވަގުތުތަކެއް ކަމަށާއި އިންޑިއާއަށް ކުރި ދަތުރު ނިންމައިލަން އެއަށް ވުރެ ވަކި ހާއްސަ ދަނޑިވަޅެއް ނުލިބޭނެ ކަމަށް ޑޭވިޑް ބެކަމް ވަނީ ބުނެފައެވެ.

ޑޭވިޑްގެ އިންސްޓަގްރާމް ޕޯސްޓު ނިންމާލަމުން ބުނެފައި ވަނީ ޝާހުއާއި އެކްޓަރުގެ އާއިލާއަށް ބޭނުން ކޮންމެ ވަގުތަކު ވެސް އިނގިރޭސިވިލާތުގައި ހުންނަ ޑޭވިޑްގެ ގެއަށް އައުމުގެ ދައުވަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ޑޭވިޑް އިންޑިއާއަށް ކުރި ދަތުރުގައި މުމްބާއީގައި ދިރިއުޅޭ ގިނަ ކުޑަކުދިންނާ ވަނީ ބައްދަލުކޮށްފައެވެ. ބެކަމްވަނީ އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ވެސް ސްޓޭޑިއަމްގައި ބައްދަލުކޮށްފައެވެ.

comment ކޮމެންޓް