މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާޙުކުރުމަށް އެޗްއާރުސީއެމުން ގޮވާލައިފި

އަދީބާއި ޒިޔަތު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން އެހެން ބުނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މައާފު ދެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ، މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވައި މަނާކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ނަމަވެސް އަދީބާއި ޒިޔަތު މިނިވަން ކުރުމަކީ އެ ފިޔަވަޅުތަކަށް އެޅުނު ހުރަހެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެމްއެމްޕީއާރުސީގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުމަށް މިސަރުކާރުން ނުކުޅެދިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަގައި ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރަށް ނުލިބުމަކީ ރައްޔިތުންނަށް ގެއްލުންލިބޭނެ ކަމެއް ކަމަށާއި އެންމެ ބޮޑަށް ގެއްލުން ވާނީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން ކުށުގެ ބާވަތަށް ބެލުމެއް ނެތި ދައުލަތުގެ އެންމެ އިސްވެރިޔާއަށް މާފު ދެވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަން ފާހަގަކޮށް ކްލެމެންސީ ގާނޫނު އިސްލާހުކުރުމަށް އެޗްއާރުސީއެމުން ގޮވާލިއެވެ.

"ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކުށުގެ ބާވަތަށް ރިއާޔަތްކުރުމެއް ނެތި، ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުވެ ނިމިފައިވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިދީފައިވުމަކީ، ޖިނާއީ ގާނޫނުތަކުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މަގުސަދު ހާސިލްވުމަށް ހުރަސް އެޅޭ ގޮތަށް ލިބިދޭ ބާރެއް ކަމުގައި ދެކެމެވެ." އެ ބަޔާނުގައިވެއެވެ.

އަދި ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ފުރުސަތު އެއް ހަމައަކުން ލިބިދީފައިވުމަކީ ކްލެމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ދެކޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ދެންނެވުނު މަގުސަދު ހާސިލްކުރުމަށްޓަކައި މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ." ބަޔާނުގައިވެއެވެ.

https://sun.mv/184620

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

މި ހިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ވެސް ރައީސް ޞާލިހެވެ.

comment ކޮމެންޓް