މާވަހަރެއްގެ ވެރިފަރާތް ކަށަވަރު ކުރުމަށް ފުލުހަށް

ހުޅުމާލެ ދެވަނަ ފިޔަވަހިން ހޮވިކަމަށް ބުނާ މާވަހަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހޮވި މާވަހަރެއްގެ ވެރިފަރާތް ކަށަވަރު ނުވެ އުފެދުނު މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. ނަމަވެސް އެއީ ޖިނާއީ މައްސަލައަކަށް ނުވުމުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މައްސަލަ ހުށަހެޅި ފަރާތައް ލަފާދީފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ސޯޝަލް މީޑިއާއަށް ތިލަވީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން ކުޑަ ފިރިހެން ކުއްޖެއް މާވަހަރު ހިފައިގެން ހުންނަ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށް ފިރިހެނަކު ލިޔެފައި ވަނީ، 12 އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުން މާވަހަރެއް ހޮވާފައި ވާކަމަށެވެ. އަދި އެ މާވަހަރުގައި ހަތް ކިލޯ ހުރިކަމަށް އެމީހާ ލިޔެފައި ވެއެވެ.

ނަމަވެސް، މި ވާހަކަތައް ދޮގުކޮށް އަންހެނެއް ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެ މާވަހަރަކީ އެ އަންހެން މީހާ ހޮވި މާވަހަރެއް ކަމަށެވެ. އަދި މާވަހަރުގެ ބަރުދަނަކީ 1.8 ކިލޯކަމަށެވެ.

ފިރިހެން މީހާ ހިއްސާކޮށްފައިވާ ފޮޓޯއަކީ އެ އަންހެން މީހާގެ ގޭގައި ކުޑަ ފިރިހެން ކުއްޖާ ނަގާފައިވާ ފޮޓޯއެއް ކަމަށާއި އެ ކުއްޖާގެ އަތުން މާވަހަރު ފޭރުމުގެ ތުހުމަތު އަންހެން މީހާއަށް ކުރާކަމަށް އަންހެން މީހާ ބުނެފައި ވެއެވެ.

މާވަހަރު ހޮވުމުގެ ތެރޭ މީހުންގެ މެދުގައި ދެބަސްވެ، މީގެ ކުރިން ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައި އެބަ ހުއްޓެވެ.

comment ކޮމެންޓް