ގަރީނާގެ ފުރަތަމަ ހާފު ބިންޖު ކޮށްލަން ވީނު

އެއްކާފު ޕްރޮޑަކްޝަން ސްޓޫޑިއޯގެ ވަރުގަދަ އިންވެސްޓިގޭޝަން ތުރިލާ ޝޯ "ގަރީނާ"ގެ ޝޯ ދެބައިވެ ފުރަތަމަ ބައިގައި ހިމެނޭ އެޕިސޯޑުތައް ރިލީޒްކޮށް ނިންމާލައިފިއެވެ.

މީޑިއާނެޓް އޮރިޖިނަލް ޝޯ މިދިޔަ މަހުގެ ތެރޭގައި ޕްރިމިއާ ކޮށްފައިވާއިރު މި ޝޯގެ ފުރަތަމަ ބައިގައި ހިމެނޭ ހަތް އެޕިސޯޑު މިހާރު ރިލީޒްކޮށް ނިމިއްޖެއެވެ. މިއީ ޝޯގެ މެދާ ހަމައަށް ގޮސް ކޮންފްލިކްޓުތައް އެންމެ ގަދައަށް އުފުލިފައިވާ ދަނޑިވަޅެވެ. ދެން ބާކީ އިންނާނީ ޝޯގެ ބާކީ ހަ އެޕިސޯޑެވެ.

ކޮންމެ ހަފުތާއަކު އެޕިސޯޑެއް އާންމު ކުރަމުން ގޮސް މިހާރު ހަތް އެޕިސޯޑު ދައްކާފައިވާއިރު ފުރަތަމަ ބައި އެކީގައި މިހާރު ބިންޖު[އެކުގައި ހުރިހާ އެޕިސޯޑެއް ބެލުން] ކޮށްލެވޭނެއެވެ.

އިންްވެސްޓިގޭޝަން ތްރިލާއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ވާހަކައިގައި ދައްކުވައިދޭނީ އިންވެސްޓިގޭޓިވް ނޫސްވެރިއެއް ކަމަށްވާ ޝިމްލާ ރާއްޖޭގެ ރަށަކަށް ގޮސް މަރުގެ ކޭހެއް ތަހުގީގު ކުރަން އުޅޭތަނެވެ. ނޫސްވެރިކަމުގެ ދާއިރާއިން އެކި ކަހަލަ އެވޯޑުތައް ލިބިފައިވާ ޝިމްލާ އަތޮޅުގެ ރަށަކަށް ދަނީ ކުޑަ ކުއްޖެއްގެ މަރާ ގުޅިގެން އެކަމުގެ ހަގީގަތް ހޯދުމަށެވެ.

ޝިމްލާގެ ދަތުރުގައި ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރެއް ކަމަށްވާ ރިލްވާން އެހީތެރިވެދެއެވެ. ނަމަވެސް ކޭހުގެ މައުލޫމާތު އެއްކުރަމުންދާ މިންވަރަކަށް މިއީ ޝިމްލާގެ ކެރިއަރުގައި ވެސް އެންމެ އުނދަގޫ މަސައްކަތަކަށް ވާން ފަށައެވެ. އަދި، ކޮންމެ ހަގީގަތަކާ އެކު އިތުރު ސިއްރުުތަކެއް ތެރެއަށް ޝިމްލާ ދަތުރު ކުރާ މަންޒަރު މި ޝޯއިން ފެންނާނެއެވެ.

މި ޝޯ ބަލަންވީ ފަސް ސަބަބެއްް އެއް ކާފް ޕްރޮޑަކްޝަނުން ކިޔައިދެއެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، މި ޝޯގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ ވާހައެއް ކަމަށާއި ހީވެސް ނުކުރާ ފަދަ ޓުވިސްޓުތައް ހިމެނުމެވެ. އޭގެއިތުރުން ވަރުގަދަ އެކްޓިން އާއި ވަރުގަދަ ސްޓޯރީލައިންތައް ފެނިގެން ދިޔުމަކީ ވެސް ޝޯ ބަލަންވީ ސަބަބެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ޝިމްލާގެ ރޯލުން މި ޝޯގައި ފެނިގެންދާނީ މަރިޔަމް މަޖުދާއެވެ. ޝޯގެ އިތުރު ރޯލުތަކުން ފެނިގެންދާނީ މުހައްމަދު ފައިސަލް އާއި އަލީ ފާރޫގް އާއި އަލީ މުޝަރައްފުގެ އިތުރުން އައިޝާ އަލީ އާއި މަރިޔަމް ހަމީދާއި އަންޝާމް މުހައްމަދާއި މަރިޔަމް ވަހީދު އަދި އަލީ ޝަޒްލީމެވެ.

މުހައްމަދު ފައިސަލް ޑައިރެކްޓުކުރާ މި ޝޯ ލިޔެފައިވަނީ އަހުމަދު ޒަރީރެވެ. ހަސަން ޝާޒިލް އާއި އަހްމަދު ޒަރީރު ޕްރޮޑިއުސް ކުރާ މި ޝޯގެ ސިނެމެޓޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ އިބްރާހީމް ޝުޖާއު (ޖަންކީ)އެވެ.

comment ކޮމެންޓް