ހަނގުރާމަ ނާކާމިޔާބުވެ، ޔަހޫދީ ލޮބީ ގްރޫޕުތަކުގައި ރެނދުލަނީ؟

ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކާމިޔާބު ނުވާތީ ހަމާސްއާ އެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދާންޖެހިދާނެކަމުގެ ބިރަކީ ހަގީގީ ބިރެއްކަމާއި މިހާރު އެ ކަމާ ބެހޭ މަޝްވަރާތައް ވެސް ކުރިއަށްދާކަން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.

ނަތަންޔާހޫއާ ހަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފެށި ހަނގުރާމައަށް އެއް މަހާއި ހަފުތާއެއް ވެފައިވާއިރު އަސީރުންގެ އެކަކު ވެސް ހަމާސްގެ އަތްދަށުން މިނިވަން ނުކުރެވުމަކީ މައްސަލައެކެވެ. މި ނާކާމިޔާބީއާ ގުޅިގެން އިސްރާއީލުގެ އެތެރޭން އަންނަ ފިއްތުންތައް ބޮޑުކަމާއި އެ ކަމާ މެދު މާޔޫސްވާކަން ވެސް ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ.

އިސްރާއީލު ސިފައިންގެ އިތުރު ބަޔަކު މަރާލައިފި

ހަމާސްގެ މުޖާހިދުން އިއްޔެ ވެސް ވަނީ ޣައްޒާއަށް ވަދެގެނެގެން އުޅުނު އިސްރާއީލު ސިފައިންގެ ދެ މީހަކު މަރާލައި އިތުރު ހަތަރު މީހަކު ޒަޚަމްކޮށްލާފައެވެ. ހަމާސްގެ ހަމަލާތަކުގައި ފާއިތުވި 15 ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިންގެ 45 މީހަކު މަރުވެފައިވާކަން އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ.

"ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ބައިތިއްބާފައި ތިބޭތަންތަން އެނގޭކަމަށް ނަތަންޔާހޫ ބުނެއެވެ. ސަލާމަތީ ސަބަބުތަކަށް ޓަކައި އެކަން ހާމަނުކުރަނީއެވެ. ނަތަންޔާހޫ މިހެން ބުނި ނަމަވެސް ޣައްޒާއަށް އެއްގަމު މަގުން އަރައި ޔަހޫދީ ސިފައިންނަށް ފަލަސްތީނު މުޖާހިދުން ދޭ ކުއްލި ހަމަލާތައް އަންނަނާންނަ ތަނެއް ނޭންގުމާއި ބިމު އަޑީގައި މުޖާހިދުން ހަދާފައިވާ ބިންގަރާސްތަކުގެ މާ ބޮޑު ހަގީގަތްތައް ޔަހޫދީ ޖާސޫސީ އިދާރާ (މޫސާދު)އަށް އެނގޭކަމަށް ނުބެލެވޭ ކަމަށް އެ ނޫސް ބުނެއެވެ.

އެއްބަސްވުމަކަށް ދިއުން ނޫންގޮތެއް އިސްރާއީލަށް ނެތް

"ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ހަމާސްއާ އެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދާން ޖެހިދާނެކަން ނަތަންޔާހޫ ހާމަކުރީ އިސްރާއީލު ސިފައިން ހަމާސްއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނުން ކާމިޔާބު ނުލިބޭތީއެވެ. އަދި، އެ އޮޕަރޭޝަންގައި އިސްރާއީލު ސިފައިން މަރުވަމުންދާތީއާ އަދި އެ އޮޕަރޭޝަނުން އެންމެ އަސީރަކު ވެސް މިހާތަނަށް މިނިވަން ކުރެވިފައި ނުވާތީއެވެ. އަދި، ސަލާމަތުން އަސީރުން މިނިވަން ކުރެވިދާނެކަމުގެ އެއްވެސް އުންމީދެއް ނަތަންޔާހޫއަށް ނެތުމުންނެވެ.

އައިޕެކް އަކީ އެމެރިކާގައިވާ ޔަހޫދީ ޒަޔަނިސްޓް އެންމެ ބާރުގަދަ ލޮބީ ޖަމާއަތް ---

ހަމާސްއާ އެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދިއުމަކީ ހަމާސްގެ އަތްދަށުން އިސްރާއީލު ބަލިވުންކަމާއި އެ ހާލަތުގައި އިސްރާއީލު ސިފައިންނަށް އިސްރާއީލު ހިމާޔަތް ނުކުރެވޭކަން ގަބޫލުކޮށް އިސްރާއީލު ދޫކޮށް އެ ގައުމުގެ ގިނަ ބަޔަކު ދާނެ ކަމަށް އިސްރާއީލުގެ ހަރުކަށި ވެރިން ދެކެއެވެ.

ހަމާސްއިން ވަނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 10 ވަރަކަށް ހާސް މީހުން މިނިވަންކުރާގޮތަށް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ 2050 ވަރަކަށް އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތްކަން މާ ކުރިން ވެސް ހާމަކޮށްފައެވެ.

ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވައިލުމަށް ޒަޔަނިސްޓް ގުރޫޕުތަކުން ފަތުރާ ޕްރޮޕަގެންޑާ ފުނޑުފުނޑުވެއްޖެ

އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ހިޖުރަކުރުވައިގެން އުފައްދާފައިވާ ޣައިރު ގާނޫނީ ގައުމެކެވެ. ދުނިޔޭގެ ގައުމުތަކުގައި ދިރިއުޅޭ ޔަހޫދީން އިސްރާއީލަށް ހިޖުރަ ކުރުވަނީ އިސްރާއީލަކީ އަމާންތަނެއްކަމުގެ ޕްރޮޕަގެންޑާ އިސްރާއިލުން ފަތުރައިގެންނެވެ. ފަލަސްތީނަކީ ފަލަސްތީނު މީހުންގެ ބިމެއް ނޫންކަމަށް ހަދައި ނުބައި މައުލޫމާތު ފަތުރައިގެންނެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުުރުމަކީ ޓެރަރިޒަމްކަމަށް ހަދައި އޮޅުވާލައިގެންނެވެ. އަދި، ފަލަސްތީނު މީހުން ފަލަސްތީނުގެ ބިން މިނިވަންކުރަން ޖިހާދު ކުރާނެކަމުގެ ހަގީގަތް ވެސް އޮޅުވާލައިގެންނެވެ.

އިސްރާއީލަށް ހިޖުރަކުރާ ޔަހޫދީންނަކީ އިސްރާއީލުގެ ޕާސްޕޯޓްގެ އިތުރުން އެ މީހުންގެ އުފަން ގައުމުގެ ޕާސްޕޯޓް ވެސް އޮންނަ ބައެކެވެ. މިދިޔަ މަހު ހަމާސްއިން އިސްރާއީލާ ދެކޮޅަށް ދިން ކާމިޔާބު ހަމަލާތަކުގައި އިސްރާއީލުގެ ސިފައިންނާއި ޖާސޫސީ އިދާރާގެ ބަލިކަށިކަމާއި ނާގާބިލިކަންވަނީ ވަރަށް ރަނގަނޅަށް ހާމަވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާ އެހަމަލާތަކާ އެކު އިނދަޖެހުނެވެ.

އެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ޔަހޫދީން ވަނީ އިސްރާއީލު ދޫކޮށް އެ މީހުންގެ އަމިއްލަ ގައުމުތަކަށް އަނބުރައި ދާން ފަށައިފައެވެ. މިގޮތުން ތިން ލައްކައެއްހާ ޔަހޫދީން މިހާތަނަށް ވަނީ އިސްރާއީލު ދޫކޮށް އެ މީހުންގެ ގައުމުތަކަށް އެނބުރި ގޮސްފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ދެމުންގެންދާ ހަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ ހަމަލާތަކެއްކަން އިސްރާއީލަށް ތާއީދުކުރާ އަދި ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ އާންމުންނަށް ވެސް މިހާރު ވަނީ ގަބޫލުކުރެވެން ފަށައިފައެވެ.

އިސްރާއީލަކީ އަނިޔާވެރި ގައުމެއްކަން ހުޅަނގުގެ އާންމުންނަށް އެނގިއްޖެ

އިސްރާއީލަކީ ނާޒީ ޖަރުމަނުގެ ސްޓައިލްގެ އަނިޔާވެރި ގައުމެއްކަމާއި ފަލަސްތީނުގެ ބިމަކީ ބާރުގެ ބޭނުންކޮށްގެން އިސްރާއީލު ވެރިވެގަނެގެން އުޅޭ ބިމެއްކަން ވެސް މުޅި ދުނިޔެއާއި އަދި ޚާއްސަކޮށް އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ އާންމުންނަށް ވަނީ ހާމަވެފައެވެ.

މިއާ އެކު އިސްރާއީލަށް ފާޑުކިޔައި ބަދުބަސް ބުނުން މިހާރު ވަނީ ހުޅަނގުގެ ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމަކަށް ވެފައެވެ. ކުރިން އިސްރާއީލަށް ފާޑުކިޔުމަކީ ވެސް ހުޅަނގުގެ ގައުމުތަކުގައި ޖަރީމާއެކެވެ. ފާޑުކިޔާ މީހަކު އެކަހެރިވެ ބާކީވާ ކަމެކެވެ. އެ މީހަކީ ޔަހޫދީންނާ ޖައްސާލައި ނަފުރަތު އުފައްދާ މީހެއް ކަމަށް ސިފަކޮށްގެންނެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ގުޅިގެން މި ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

އިސްރާއީލު ގެންދަނީ ހަމާސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ގަސްދުގައި ބޮން އަޅައި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނާއި ކުޑަކުދިން މަރަމުންނެވެ. މާބަނޑު މީހުންނާއި އިންކިއުބޭޓަރުތަކުގައިވާ ދުވަސްނުރާ ވިހާ ތުއްތު ކުދިން ގަޔަށް ބޮޑުބަޑިންނާއި ޓޭންކުން ހަމަލާދީ އެ ކުދިން މަރަމުންނެވެ. ހޮސްޕިޓަލްތައް ހަނގުރާމައިގެ މައިދާންތަކަށް ހަދަމުންނެވެ. އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން މަނާކޮށް އަދި ޣައްޒާގައި މަސައްކަތް ކުރާ އދ. ގެ މުވައްޒަފުންނާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މަރަމުންނެވެ.

އިސްރާއީލުގެ މި ލާއިންސާނީ ޖަރީމާތައް ދިފާއު ކުރަނީ އެމެރިކާއާއި ޔޫރަޕްގެ ވެރިންނެވެ. އެ ގައުމުތަކުގެ އާންމުންނެއް ނޫނެވެ. އެ ގައުމުތަކުގެ އާންމުން މިހާރު ވަނީ ޔަހޫދީން އެ މީހުންނަށް ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވާލާފައިވާ ކަމުގެ ޝަކުވާތައް ފާޅުގައި ކުރަން ފަށައި ޔަހޫދީ ލޮބީގެ މަކަރުވެރިކަމުގެ އަޑުތައް އުފުލަމުންނެވެ

ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތައް ދެކެ ބިރެއް ނުގަނޭ

އިސްރާއީލަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ހިޓްލަރު ވެރިކަން ކުރި ނާޒީ ޖަރުމަނު ފަދަ އަނިޔާވެރި ލާއިންސާނީ ފެސިސްޓް ގައުމެއްކަން ހުޅަނގުގެ އާންމުން މިހާރު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ސިފަކުރަން ފަށައިފައެވެ. އިސްރާއީލު ދެކެ އަދި އިސްރާއީލު ޕްރޮމޯޓްކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތައް ދެކެ ކުރިން ގަތްބިރު ފަހަނަޅައި ގޮސްފައެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ދާދި ފަހުން ވަނީ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ ލޮބީ ގުރޫޕްތަކުން އެމެރިކާ ހިސާރުކޮށް އެމެރިކާގެ އާންމު ރައްޔިތުންނަށް ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވާލާފައިވާކަމަށް ފާޅުގައި ވިދާޅުވެފައެވެ. ކޮންގްރެސްގެ އެ މެންބަރު ވަނީ އެމެރިކާގައިވާ ޔަހޫދީ ލޮބީ ގްރޫޕްތަކަކީ އެމެރިކާ ހަލާކު ކުރަމުން ގެންދާ ކެންސަރު ސެލްތަކެއް ކަމަށް ވެސް ސިފަކުރައްވައިފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ގިނަ އާންމުންގެ ތާއީދު ފަލަސްތީނަށް ---

މިއީ ކުރިން އެމެރިކާގައި ދެއްކުން މުޅިން މަނާ ވާހަކަތަކެވެ. އެމެރިކާގައި ނަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އިސްރާއީލާ ދެކޮޅަށް ނޫނީ ޔަހޫދީ ޒަޔަނިސްޓް ބާރުތަކާ ދެކޮޅަށް ވާހަކަ ދައްކާ މީހެއްގެ މުޅި މުސްގަތްބަލު ދުއްވައިލައެވެ. އެމެރިކާގެ ސިޔާސީ ފަރާތްތައް ތިބެނީ މި ގުރޫޕުތަކުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެ މީހުންގެ ކޭންޕޭންތަކަށް ޚަރަދުކުރާ ފައިސާގެ ބޮޑު ބައެއް ޚަރަދު ކުރަނީ މި ޒަޔަނިސްޓް ލޮބީ ގުރޫޕްތަކާއި އެ ގުރޫޕްތަކާ ގުޅިފައިވާ ކުންފުނިތަކުންނެވެ.

ހުޅަނގަށް އަތްގަދަކޮށްފައިވާ ޔަހޫދީ ޒަޔަނިސްޓު ލޮބީ ގުރޫޕްތަކުގެ ބާރު އަދިވެސް ވަރަށް ގަދަ

އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތައިލުމުގެ ޖަރީމާތަކުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތައް ކުރިއާ އަޅާބަލާއިރު ބަލިކަށިވެއްޖެއެވެ. ހުޅަނގުގެ އާންމުންގެ ހިތްތަކުގައި އެ ޖަމާއަތްތަކުގެ މައްޗަށް ނަފުރަތާއި ރުޅިވެރިކަން އުފެދިއްޖެއެވެ. ދެން އެ ޖަމާއަތްތައް އެމެރިކާއާއި ޔޫރަޕްގައި ބާރާއި ނުފޫޒު ހިންގުމަށްޓަކައި ފައިސާ ނޫން އެހެން އެއްވެސް ވަސީލަތެއް ބޭނުން ކުރުމުގެ ފުރުސަތެއް ނެތެވެ.

ނަމަވެސް މީގެ މާނައަކީ މި ހަގީގަތްތަކާ އެކު ވެސް ހުޅަނގަށް އަތްގަދަކޮށްފައިވާ ޔަހޫދީ ޒަޔަނިސްޓު ލޮބީ ގުރޫޕްތައް އިނދެޖެހުމެއް ނޫނެވެ. އެ ޖަމާއަތްތަކުގެ ބާރާއި ނުފޫޒު ކެނޑުމެއް ވެސް ނޫނެވެ. މިއީ އެ ގުރޫޕުތަކުގެ ހަގީގަތް ހުޅަނގުގެ އާންމުންނަށް އެނގި އެ ގުރޫޕުތަކުގައި ރެނދުލުމެވެ. އެމެރިކާގެ ބާރުގަދަ ހަތިޔާރުގެ ސިނާއަތު އޮތީ ޔަހޫދީ ޒަޔަނިސްޓް ގުރޫޕްތަކާއި އިސްރާއީލަށް ތާއީދުކުރާ ކްރިސްޓިޔަން އިވެންޖެލިކަލް ގުރޫޕް (އިންޖީލީ ޒަޔަނިސްޓް ފިކުރުގެ ގުރޫޕްތަކުގެ) ކޮންޓްރޯލްގެ ދަށުގައެވެ.

ހަތިޔާރުގެ ސިނާއަތަކީ އެމެރިކާގެ އިގްތިސާދުގެ މައިބަދައެވެ. ދުނިޔޭގައި ހަނގުރާމަތައް އުފައްދައި އެމެރިކާގެ އާންމުން ހަނގުރާމައަށް ފޮނުވައިގެން އެއިން މުއްސަނދިކަން ހޯދައިގެން ތަނަވަސް މުއްސަނދި ދިރިއުޅުން އުޅެނީ މި ސިނާއަތުގެ ކުންފުނިތަކަށް ނިސްބަތްވާ މުއްސަނދިންނެވެ. އެމެރިކާގެ އާންމުން ހަދާފައިވަނީ އެ މީހުންގެ ތަނަވަސް ބާރާއި ނުފޫޒުގަދަ ދިރިއުޅުމަށް ބޭނުންކުރާ ދަރުގެ ގޮތުގައެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ބޭނުން ކުރަނީ ދުނިޔޭގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގެ ހަތިޔާރެއްގެ ގޮތުގައެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ މައްސަލައަށް ހުޅަނގު ދުނިޔޭގައި ބޮޑު ކާމިޔާބީއެއް

ކޮންމެއަކަސް އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތައިލުމުގެ ޖަރީމާތަކުގެ ސަބަބުން އެމެރިކާއާއި ޔޫރަޕުގައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕުތައް ކުރިއާ އަޅާބަލާއިރު ބަލިކަށިވުމަކީ އަދި އެ ގުރޫޕުތައް ދެކެ ގަންނަ ބިރު ފަހަނައަޅައި ދިއުމަކީ އަދި އެ ޖަމާއަތްތަކުގެ ދަގަނޑުގެ ފާރު ވެއްޓި އެ ޖަމާއަތްތަކުގައި ރެނދު ލުމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ މައްސަލައަށް ހުޅަނގު ދުނިޔޭގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މުހައްލިލުން ދެކެއެވެ.

ނަމަވެސް ޔަހޫދީ ގުރޫޕްތަކުގެ ބާރާއި ނުފޫޒު އެމެރިކާއާއި ޔޫރަޕްގައި ކެނޑެން އަދި ދިގު މުއްދަތެއް ނަގާނެއެވެ.

ޔޫރަޕަށް ބަލާއިރު ބެލްޖިޔަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރު ޑި ކްރޫ ވަނީ ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލުގެ މިހާރުގެ މަސްއޫލުވެރިންނަކީ ހަނގުރާމައިގެ މުޖުރިމުން ކަމަށް ސިފަކުރައްވައި އެ މީހުން ބެލްޖިއަމަށް ވަނުން މަނާކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަދި، އަޔަލެންޑްގެ ވަޒީރަކު ވެސް ވަނީ އެ ގައުމުން އިސްރާއީލުގެ ސަފީރު ބޭރުކޮށް އިސްރާއީލާ ގުޅުންތައް ކަނޑައިލުމަށް ގޮވާލައްވައިފައެވެ. ސްޕޭންގެ ވަޒީރަކު ވަނީ އިސްރާއީލުގެ ވެރިންނަކީ މުޖުރިމުން ކަމަށް ސިފަކުރައްވައި އެ މީހުން ބައިނަލްއަޤުވާމީ އަދާލަތަށް ހާޒިރު ކުރުމަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް