ޔަމާލްއާއެކު ހިނގައިދިޔައީ ''ޢެކްސިޑެންޓް'' އެއް: ލެވަންޑޯސްކީ

ބާސާގެ ޒުވާން ފޯވަޑް ޔަމާލް އާއި ތަޖުރިބާކާރު ފޯވަޑް ލެވަންޑޯސްކީ -- ފޮޓޯ/ ގެޓީ

ބަދަލުކުރުމުން ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލްއާ ދެމެދު ހިނގައިދިޔައީ "އެކްސިޑެންޓް"އެއް ކަމަށް އެ ކްލަބުގެ ތަޖުރިބާކާރު ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު 2-1ގެ ނަތީޖާއަކުން ޑިޕޯޓިވޯ އަލަވޭސް އަތުން ބާސާ މޮޅުވި ސްޕެނިޝް ލަލީގާ މެޗުގައި ބަދަލުކުރުމުން ބަދަލުގައި ކުޅެން ނުކުންނަން ތައްޔާރަށް ހުރި ޔަމީލްއާ ލެވަންޑޯސްކީ ސަލާމްކޮށްފައި ނުވުމުން ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ސުވާލު އުފައްދައިފައެވެ.

"އެކަމާ އަހަރެންގެ ކޮމެންޓެއް ނެތް. އެއީ ހަގީގަތުގައި އެކްސިޑެންޓެއް. ބައެއް ފަހަރު އަހަރެން މެޗުތަކުގެ ތެރެއިން އަޑުގަދަކޮށް ބަސްތައް ވެސް ރައްދުކުރަން. އެއީ އާދައިގެ ކަމެއް،" ޕޮލެންޑް ގައުމީ ޓީމުގެ ފަރިތަކުރުންތަކާ ލެވަންޑޯސްކީ ގުޅުމާއެކު ނޫސްވެރިން ސުވާލުކުރުމުން ލެވަންޑޯސްކީ ބުންޏެވެ.

ފަހަކަށް އައިސް ބާސާގެ ނަތީޖާތައް ވަނީ ގޯސްވެފައެވެ. އެގޮތުން ބާސާ އިން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗަކުން ވަނީ ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު ލީގު މެޗުގައި ވެސް ޑިޕޯޓިވޯ އަލަވޭސް އިން މެޗު ފެށިތާ 17 ސިކުންތުގެ ތެރޭގައި ގޯލެއް ޖެހުމުން ބާސާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އެ މެޗުގައި ފަހަތުން އަރައި ބާސާ މޮޅުވީ ދެވަނަ ހާފުގައި އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ޖެހި ދެ ގޯލުންނެވެ.

ސްޕެނިޝް ލަލީގާގެ ތިންވަނައިގައި މިވަގުތު އޮތް ބާސާއަށް 13 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޖިރޯނާއަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ.

comment ކޮމެންޓް