ޕޮލެންޑް މުބާރާތުން ލައިބާއަށް މެޑަލްއެއް

ޕޮލެންޑުގައި ބޭއްވި ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލުގައި ލައިބާ ހޯދި މެޑަލްއާއެކު -- ފޮޓޯ/ ލައިބާ، ފޭޭސްބުކް

ޕޮލެންޑުގައި ބޭއްވި ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލުގައި ރާއްޖޭގެ ލައިބާ އަޙްމަދު މަހުލޫފު (އެލީ) ލޯ މެޑަލްއެއް ހޯދައިފިއެވެ.

ޕޮލެންޑުގެ ބިއަލިސްޓޮކްގައި މިމަހު ކުރިއަށްގެންދިޔަ އެ މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ލައިބާ ހޯދި އެ މެޑަލްއަކީ ބައިނަލްއަގުވާމީ މުބާރާތަކުން އޭނާ ހޯދި ފުރަތަަމަ މެޑަލްއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގައި ލައިބާ ނުކުތީ ޕޮލެންޑުގެ މާލޭނާ ޕުލްޑޯއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި 15-14 އަދި 15-12 އިން ލައިބާ ބަލިވި ނަމަވެސް، އޭނާއަށް ވަނީ ލޯ މެޑަލް ކަށަވަރުވެފައެވެ.

މުޅި މުބާރާތުގައި ލައިބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އޭނާ ވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި ކުއާޓާ ފައިނަލުގައި އޭނާ ވަނީ 2-1 ސެޓުން ޔޫކްރެއިންގެ އުލިއާނާ ކޮނޮނެންކޯ ބަލިކޮށްފައެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކެއްގައި ވާދަކޮށް، ތަޖުރިބާތަކަކަށްފަހު ވާދަކުރި ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލުގައި ލައިބާ ވަނީ 13 އަހަރުން ދަށުގެ ބައިގައި ވެސް ވާދަކޮށްފައެވެ. އެ ބައިގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކުގައި ވާދަކޮށް ބަލިވި ނަމަވެސް، މުބާރާތުގައި އޭނާ ހޯދި ކުރިއެރުންތައް ރަނގަޅެވެ.

comment ކޮމެންޓް