މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް ތަހުގީގުކުރުމަށް އިރުޝާދެއް ނެރެފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަހުގީގުކުރުމުގައާއި، ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް ނެރި، ހުރިހާ ތަހުގީގީ އިދާރާތަކަށް ފޮނުއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

މި ކަމާ ގުޅިގެން ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ވާގޮތުން، މި އިރުޝާދު ނެރުމުގެ މަގުސަދަކީ، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަހުގީގުކުރުމުގައާއި ދައުވާކުރުމުގައި އެއް ގޮތަކަށް އަމަލުކުރުމަށް ބާރު އެޅުމެވެ. އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް އިރުޝާދު އެކުލަވާލި އެއް މަގުސަދު ކަމަށް ޕީޖީއިން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާކަމަށެވެ.

މި އިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަހުގީގުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް އެ އޮފީހުން ބުންޏެވެ.

މި ބާވަތުގެ މައްސަލަތައް ތަހުގީގުކުރުމުގައި ތަހުގީގީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންނަމަވެސް، މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރަން ދަތި ވާނެ ކަމަށް ވެސް ޕީޖީއިން ބުންޏެވެ.

މި ގޮތަށް މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަށް އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް