މުއިއްޒު ހުވާކުރައްވާ ދުވަހު ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފި

އިންތިޙާބީ ރައީސާއި ނައިބު ރައީސް ހުވާކުރަން ހަމަޖެހިފައިވާ އަންނަ ހުކުރު ދުވަހު، މާލެއަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުކުރު ނަމާދުގެ ކުރިން ވެސް ވިއްސާރަވުން އެކަށީގެންވާ ކަމަށާއި ހުކުރު ނަމާދުގެ ފަހުން ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށެވެ.

އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއީ އެ މަނިކުފާނުގެ ނައިބު ރައީސް ޙުސައިން މުހައްމަދު ލަތީފް ހުވާކުރައްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 4:45 ގައި ޖުމްހުރީ މައިދާނުގައެވެ.

މި ޖަލްސާ އިންތިޒާމް ކޮށްފައިވަނީ އާންމުންގެ ތެރެއިން 1،000 މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މީގެ އިތުރުން، ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ވެސް މި ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވައިފަވެއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ހުކުރު ދުވަހު ވިއްސާރަވާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވެނީ ހުކުރު ނަމާދުގެ ކުރީގައެވެ. އެކަމަކު، ހުކުރުގެ ފަހުން ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ކެރީގެ އަސަރު ކުރަމުންނެވެ.

comment ކޮމެންޓް