އެމްބާޕޭ ބަޔާނުން ފެންނާނެ: ޓުޗެލް

ބަޔާންގެ ކޯޗު ޓުޗެލް(ކ) އަދި ޕީއެސްޖީގެ ފްރާންސް ތަރި އެމްބާޕޭ(ވ) -- ފޮޓޯ/ ގެޓީ

ކުރިއަށްއޮތް އަހަރުތަކުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ތަރި ކިލިއަން އެމްބާޕޭ، ބަޔާން މިއުނިކުން ފެންނާނެ ކަމަށް އެ ކްލަބުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މިސީޒަނަށްފަހު ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން ކޮންޓްރެކްޓް އާނުކޮށްފި ނަމަ، ކޮންމެ ކްލަބަކަށް ވެސް އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ގެންދިއުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ކުރިން ޕީއެސްޖީއަށް އިރުޝާދުދިން ޓުޗެލް ވަނީ އެމްބާޕޭއަށް އަލުން ކޯޗުކަން ކޮށްދިނުމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

"އެމްބާޕޭ އަންނަ އަހަރު ހިލޭ؟ އޭނާ އަހަރެމެންނާއެކު ކުޅޭނެ. އެމްބާޕޭއަކީ އެމްބާޕޭ، އޭނާއަކީ ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް. އަހަރެމެން ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް. ބަޔާނަށް އެމްބާޕޭ އަންނަން ބޭނުން ނަމަ، އަހަރެން ގޮސް އޭނާ ގެންނާނަން. އޭނާ ކަމެއް ބޭނުންވެއްޖެ ނަމަ، އެކަމެއް ވާނެ،" 'ކެނަލް ޕްލަސް'އަށް ދިން އިންޓަވިއުއެއްގައި ބަޔާންގެ ކޯޗު ޓުޗެލް ބުންޏެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ ގެންދިއުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ކްލަބަކީ ރެއާލް މެޑްރިޑެވެ. ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، ކްލަބަށް މާލީގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީ ރެއާލުން އެމްބާޕޭ ގެންދިއުމުގެ މަސައްކަތްތައް ހުއްޓާލުމަށް ވަނީ ނިންމައިފައެވެ.

އެމްބާޕޭއަކީ ވަރަށް ޒުވާން އުމުރުގައި ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެ މެޗުގައި އެމްބާޕޭ ހެޓްރިކެއް ހެދިއެވެ.

comment ކޮމެންޓް