ލިވަޕޫލް އަތެއް ނުވޭ؛ ވެސްޓް ހާމް ކޮޅަށް 5 ގޯލު ޖަހައި، 8 ޕޮއިންޓުގެ ލީޑެއްގައި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ވެސްޓް ހާމް ބަލިކޮށް، ލީޑު އިތުރަށް ފުޅާކޮށްފިއެވެ.

ވެސްޓް ހާމްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ބޮޑު ތަފާތަކުންނެވެ.

ލިވަޕޫލުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު 15 މިނެޓްގެ ތެރޭގައެވެ. މި ލަނޑުތައް ޖެހުމުގެ ކުރިން ވެސްޓް ހާމުން ވެސް ވަނީ ލިވަޕޫލަށް ނުރައްކާކޮށްފައެވެ.

ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ. އޭގެ 10 މިނެޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހެވެ. މިއީ މި ސީޒަންގައި ސަލާހް ލީގުގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑަ އާނޯލްޑް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެ ޓީމުގެ ފަހު ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާއެވެ.

މި ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު އެއްވަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓާ އެކުގައެވެ. އެންމެ ގާތުން ދެވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ދެމެދުގައި އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ވެސްޓް ހާމް އޮތީ 23 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

މި މުބާރާތުގައި ފުލަމާއި ބޯންމޯތު ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ. މި ސީޒަންގައި ވަރަށް ބަލާހިތްވާ މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމުގެ ކުރިމަތިލުމުގައި އެންމެ ފުރަތަމަ ލީޑު ނަގައިފާވަނީ ފުލަމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 40 ވަނަ މިނެޓުގައި ރައުލް ހިމެނޭޒެވެ. ނަމަވެސް، އިވަނީލްސަންވަނީ މެޗުގެ 51 ވަނަ މިނެޓުގައި ބޯންމޯތަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުލަމްގެ ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ހެރީ ވިލްސަން ކާމިޔާބުކޮށްދިންއިރު ބޯންމޯތަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ 89 ވަނަ މިނެޓުގައި ޑަންގޯ އޮއަޓާރާއެވެ.

މެޗު އެއްވަރުވުމުން ބޯންމޯތު 30 ޕޮއިންޓާ އެކު ހަވަނައިގައި އޮތްއިރު ފުލަމް އޮތީ 29 ޕޮއިންޓާ އެކު އަށްވަނައިގައެވެ.

comment ކޮމެންޓް