އީވާ މަގާމުން ވަކިކުރަން ސޮއި ހަމަކޮށްފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ ގަރާރަށް ސޮއި ހަމަކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހަޅަން ބޭނުންވާނީ 22 ސޮއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް 'ސަން' އަށް ވިދާޅުވީ އެ ޕާޓީގެ މެންބަރުންގެ އިސްނެންގެވުމުގެ މަތިން ސޮއި ހަމަކުރުމުގެ ތެރެއިން މިހާތަނަށް 22އަށް ވުރެ ގިނަ މެންބަރުން ސޮއިކުރައްވާފައިވާ ކަމަށެވެ.

މީގެ ކުރިން އަސްލަމް ވިދާޅުވީ ރަސްމީކޮށް ޕާލިމެންޓްރީ ގްރޫޕުން އެކަން ކުރުމަށް ފާސް ކޮށްފައި އަދި ނުވާ ކަމަށެވެ. އަސްލަމް ވިދާޅުވީ، ޕީޖީން އެކަން ފާސްކުރުމުން ސޮއިކުރާ މެންބަރުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްޑީޕީން، އީވާގެ އިތުބާރު ނެތް ކަމަށް ސޮއި ހޯދަމުން ދާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް އެކަމަނާ ވަނީ ސަލާމް ފޮނުއްވުމަށް ފަހު ވެސް މިއަދު ވަޑައިގެންފައެވެ. އަދި އީވާ ވަނީ ހެނދުނުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ މައްސަލަ ބޭރުކުރެއްވުމުން އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

މި ދައުރުގައި އެ މައްސަލަ ކުރިއަށްނުގެންދެވުނީ، އީވާ އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ސަލާން ފޮނުއްވާތީއެވެ. އީވާ ސަލާން ފޮނުއްވުމުން، މަޖިލީހުގެ އިދާރާއިން ނިންމަމުން އައީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އެހެން ބޭފުޅަކަށް އެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ އީވާ ވަޑައިނުގަތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

ނަމަވެސް އެމްޑީޕީން މިއަދު ބޭއްވި އިމްތިޔާޒާއި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އީވާއާއި އަފީފަށް ގަރާރުގެ މަސައްކަތުގައި ރިޔާސަތު ބަލަހައްޓަން ފުރުސަތު ނުދޭން ލަފާދޭން ނިންމާފައެވެ. އަދި މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާއެއް ހޯދުމަށް ނިންމާފައެވެ.

comment ކޮމެންޓް