އީވާ މަގާމުން ވަކިކުރަން ސޮއި ހޯދަން ފަށައިފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން ކުރަން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންތަކެއް އިސްނަގައިގެން މިހާރު ސޮއި އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ރަސްމީކޮށް ޕާލިމެންޓްރީ ގްރޫޕުން އެކަން ކުރުމަށް ފާސް ކޮށްފައި އަދި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެހެންނަމަވެސް ފާސްވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ މެންބަރުން ސޮއިކުރަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ސޮއިކުރި މެންބަރުންގެ އަދަދެއް ހާމައެއް ނުކުރައްވައެވެ.

އަސްލަމް ވިދާޅުވީ، ޕީޖީ ގްރޫޕުން އެކަން ފާސްކުރުމުން ސޮއިކުރާ މެންބަރުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްޑީޕީން، އީވާގެ އިތުބާރު ނެތް ކަމަށް ސޮއި ހޯދަމުން ދާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް އެކަމަނާ ވަނީ ސަލާމް ފޮނުއްވުމަށް ފަހު ވެސް މިއަދު ވަޑައިގެންފައެވެ. އަދި އީވާ ވަނީ ހެނދުނުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ މައްސަލަ ބޭރުކުރެއްވުމުން އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

މި ދައުރުގައި އެ މައްސަލަ ކުރިއަށްނުގެންދެވުނީ، އީވާ އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ސަލާން ފޮނުއްވާތީއެވެ. އީވާ ސަލާން ފޮނުއްވުމުން، މަޖިލީހުގެ އިދާރާއިން ނިންމަމުން އައީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އެހެން ބޭފުޅަކަށް އެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ އީވާ ވަޑައިނުގަތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

އެ ހުކުމަށް ފަހު މިއަދަށް ފުރަތަމަ އެޖެންޑާ ކުރި ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ދަންފަޅިއެއް އެޖެންޑާ ކުރުމުން އެކަމަނާ ރިޔާސަތާ ހަވާލުވެވަޑައިގަތީއެވެ.

ނަމަވެސް އެމްޑީޕީން މިއަދު ބޭއްވި އިމްތިޔާޒާއި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އީވާއާއި އަފީފަށް ގަރާރުގެ މަސައްކަތުގައި ރިޔާސަތު ބަލަހައްޓަން ފުރުސަތު ނުދޭން ލަފާދޭން ނިންމާފައެވެ. އަދި މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާއެއް ހޯދުމަށް ނިންމާފައެވެ.

comment ކޮމެންޓް