އިންގްލެންޑުން މޮޅަކާ އެކު ވޯލްޑް ކަޕް ނިންމާލައިފި

އިންގްލަންޑުން ޕާކިސްތާންގެ ކުޅުންތެރިއެއް ނުބައިކޮށްލުމަށްފަ ހު އުފާފާޅު ކުރަނީ -- ފޮޓޯ/ ބީޖޭ ސްޕޯޓްސް

އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑުން އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބީއަކާ އެކު ނިންމާލައިފިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު އެއްކޮށް ބަންދުވެފައިވާ އިންގްލަންޑް ގްރޫޕް މަރުހަލާގައި ކުޅުނު ފަހު މެޗުގައި ޕާކިސްތާނާ ބައްދަލުކޮށް ކާމިޔާބުކުރީ 93 ލަނޑުންނެވެ.

ކޮލްކަޓާގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން އިންގްލަންޑުން ބޭނުންވީ އެންމެ ފުރަތަމަ ބެޓު ކުރާށެވެ. އެ ޓީމުން ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 337 ލަނޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 84 ލަނޑު ހަދައިދިން ބެން ސްޓޯކްސްއެވެ. އަދި، ޖޯ ރޫޓް 60 ލަނޑު ހަދައިދިން އިރު ޖޮނީ ބެއާސްޓޯވަނީ 59 ލަނޑު ހަދަައިދީފައެވެ.

މި އީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 64 ލަނޑަށް ތިން ވިކެޓް ނަގައިދިން ހަރިސް ރައޫފެވެ. އަދި ޝާހީން އަފްރީދީ އާއި މުހަންމަދު ވަސީމް ދެ ކުޅުންތެރިން ވެސް ވަނީ ދެ ވިކެޓް ނަގައިދީފައެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި 43 އޯވަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 244 ލަނޑެވެ.

މެޗުގައި ޕާކިސްތާނަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 51 ލަނޑު ހަދައިދިން ސަލްމާން އަގާއެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 56 ލަނޑަށް ތިން ވިކެޓް ނަގައިދިން ޑޭވިޑް ވިލީއެވެ.

މީގެ އިތުރުން އާދިލް ރާޝިދާއި މޮއީން އަލީ އަދި ގުސް އެޓްކިންސަންއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓް ނަގައިދީފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ތަށި ދިފާއު ކުރުމަށް ނިކުން އިންގްލަންޑަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.

އިންގްލަންޑް މި ފަހަރުގެ ވޯލްޑް ކަޕް ނިންމާލައިފައިވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އަނެއް ހަ މެޗުން ބަލިވެ ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައި އޮވެގެންނެވެ.

މެޗުން ބަލިވުމުން ޕާކިސްނަށް ވެސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕް ނިމުމަކަށް އައިސްފައެވެ. މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކުރެވުނު ނަމަ ސެމީފައިނަލްގެ ޖާގައެއް ފަހަރެއްގައި އެ ޓީމަށް ލިބުމުގެ ހަނި ފުރުސަތެއް އޮތެވެ. ޕާކިސްތާނަށް ލިބިފައިވަނީ ނުވަ މެޗުން އަށް ޕޮއިންޓެވެ.

comment ކޮމެންޓް