ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަލުން ހުށަހަޅަން އަންގައި، ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދު ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން އަފީފް ރިޔާސަތުގައި އިންނެވި އެ ޖަލްސާގައި، އެ ޕާޓީގެ މެންބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގަރާރަކަށް ފެތޭ ގޮތަށް ނޫން ކަމަށް ބުނެފައެވެ.
އެގޮތުން ޖަލްސާ ފެއްޓުމާއެކު، ފުރަތަމަ ވެސް ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައިގައި ވަނީ، ނަޝީދުގެ މައްސަލައަކީ ބިލެއްތޯ، މައްސަލައެއްތޯ، ގަރާރެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަން ސާފުވުމުން ނޫނީ އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެއާއަކު އަފީފް ވިދާޅުވީ، އެއީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އަދި އެ މައްސަލައަކީ ރިޔާސަތުން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
އެއަށްފަހު ދެން ޑިމޮކްރެޓުން ތުހުމަތުކުރެއްވީ އެ މައްސަލަ އެޖެންޑާ ކޮށްފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެޖެންޑާާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ޑިމޮކްރެޓުން ބުނީ އެ މައްސަލަ ގަވާއިދާ މުޅިން ޚިލާފަށް ހުށަހަޅާފައި ވުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިނުގަނެވޭނެއެވެ.
އާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދެއް ނުހުއްޓުވޭނެ ކަމަށާއި ގަރާރެއް އޮންނަން ވާނީ ގަރާރެއްގެ ސިފައިގައި ކަމަށެވެ. އެހެންކަމުން އެ ގަރާރު އަލުން އިސްލާހު ކުރުމަށް ފަހު ހުށަހެޅުމަށް އާޒިމް ގޮވައިލެއްވިއެވެ. އަދި ގަރާރެއް ހުށަހަޅާނަމަ މަޖިލީހަށް އެނގެންޖެހޭނެ ކަމަށާއި 14 ދުވަހުގެ ނޯޓިސްއެއް ވެސް ފޮނުވަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާއެކު މަޖިލިސް އެއްކޮށް ހޫނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ޑިމޮކްރެޓުންގެ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ. އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަފީފަކީ އެ މައްސަލަ ބެލުމަށް ރިޔާސަތުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅެއް ނޫނެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އަފީފް އިންނަވައިގެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަން އެނގިއްޖެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން އަފީފް ދުރަށް ޖެހުމަށް އޭނާ އެދިވަޑައިގަތެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިޔުމަށް 14 ދުވަހުގެ ނޯޓިސް ވެސް ކުރިން ދިންކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
"ކޮން ކަމަކާތޯ މައްސަލަ ހުއްޓުވަން ތި މަސައްކަތް ކުރައްވަނީ. ވޯޓު ލާން ބިރުން ތިއުޅެނީ؟ 17 މެންބަރުން ވިޔަސް ވޯޓު ލައްވާނެ ނޫންތޯ؟،" ރޮޒެއިނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ، އަފީފަށް އިޝާރާތްކުރައްވާ ވިދާޅުވީ އެއީ އެ މައްސަލައިގަ މަސްލަހަތު އޮތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރިޔާސަތުގައި އިންނަވައި އެ މައްސަލަ ކުރިއަށް ނުގެންދެވުމަށް މަސައްކަތްކުރައްވަނީ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރެއްވިއެވެ.
އެކަމަށް ރައްދު ދެއްވައި އަފީފް ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ކޮންމެ މެންބަރެއްގެ ވެސް މަސްލަހަތު އެބައޮތް ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވަނީ، މަޖިލީހުގެ ރިޔާސަތުން އެޖެންޑާ ކުރި މައްސަލައެއް ނޫން ކަމަށް ވަންޏާ ވެސް ރިޔާސަތުން އެކަމަށް ގޮތެއް ނިންމައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެ ޕާޓީން ނެގި ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުން ގޮތެއް ނިންމައިދިނުމަށް އެދިފައެވެ.
އެ މައްސަލަ ކުރިއަށް ނުގޮސް ގިނަ މެންބަރުން ރުޅިގަދަވެފައި ވަނިކޮށް، އަފީފް ނިންމެވީ ޑިމޮކްރެޓުން ނެގި ނިޒާމީ ނުކުތާ ބަލައިގަތުމަށެވެ.
"މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގަ އޮންނަނީ މަޖިލީހުގެ ރިޔާސަތުން އިތުބާރުގެ މައްސަލަ ބަލާނީ ނައިބުރައީސްއޭ. އެހެންނަމަވެސް އެގޮތަކަށް ނޫން ސުޕްރީމް ކޯޓުން ނިންމެވީއަކީ. އެ ދެމިގެންދާ ގޮތަށް އޮންނަނީ، އެހެންވީމަ އެހެން މާއްދާތަކާ ވެސް އެކީ އެކަން ކުރެވެން އޮތީ،" އަފީފް ވިދާޅުވިއެވެ.
"މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލަ ބަލައިގެންފިން. މި ގަރާރު މިއޮތީކީ މަޖިލީހުގެ ގަވާއިދާ އެއްގޮތަކަށް ނޫން ހުށަހަޅާފަ. އެހެންވީމަ މި މައްސަލަ އަލުން ހުށަހަޅަންވީ. މި މައްސަލަ މި ނިމުނީ."
އެއަށްފަހު ނަޝީދުގެ މައްސަލަ ހަވަނަ ފަހަރަށް އެޖެންޑާ ކުރި ޖަލްސާ އަފީފް ވަނީ ނިންމަވާލައްވައިފައެވެ.
އިތުބާރުގެ ގަރާރުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގަންނަވާތީ ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.
އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.