ވިލްސަންއަށް އަނިޔާވެ، އިނގިރޭސި ޓީމުން ނުފެންނާނެ

ނިއުކާސަލް ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް ކެލަމް ވިލްސަން -- ފޮޓޯ/ ގެޓީ

އަނިޔާވުމާ ގުޅިގެން އިނގިރޭސި ގައުމީ ސްކޮޑުން ކެލަމް ވިލްސަން ނުފެންނާނެ ކަމަށް ނިއުކާސަލް ޔުނައިޓެޑުގެ ކޯޗު އެޑީ ހޯވް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ބޯންމައުންތު އަތުން 2-0ގެ ނަތީޖާއަކުން ނިއުކާސަލް ބަލިވި މެޗުގައި އެޓީމުގެ ފޯވަޑް ވިލްސަން ފެނިފައެއް ނުވެއެވެ. އޭގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް އޭނާ ނުފެނެއެވެ. އޭނާއަށް އެ މެޗުތަކުގައި ކުޅެވިފައި ނުވަނީ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އެ އަނިޔާއާ ގުޅިގެން އިނގިރޭސި ގައުމީ ޓީމުން ކުޅޭ ޔޫރޯ ކޮލިފައިންގެ ފަހު ދެ މެޗުން ވެސް ވިލްސަން ނުފެންނާނެއެވެ. މިމަހުގެ 17 ވަނަ ދުވަހު މަލްޓާއާ ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 20 ވަނަ ދުވަހު ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗަށް އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް ނެގި ސްކޮޑުގައި ވިލްސަން ވަނީ ހިމެނިފައެވެ.

"އިނގިރޭސި ޓީމުން ކުރާ ދަތުރުގައި ވިލްސަންއަށް ބައިވެރިނުވެވޭނެ. އޭނާއަށް ހަފުތާތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" އިއްޔެގެ މެޗަށްފަހު ނިއުކާސަލްގެ ކޯޗު ހޯވް ބުންޏެވެ.

ވިލްސަންގެ އިތުރުން ރެއާލް މެޑްރިޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަށް ވެސް އެ މެޗުތަކުގައި ކުޅެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އަތުން 5-1ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ބެލިންހަމް ފެނިފައެއް ނުވެއެވެ. އޭނާ ފެނިފައިނުވަނީ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

comment ކޮމެންޓް