މާލޭގައި ހުންނަ ޕިއްޒާ ހަޓްއާއި ކޭއެފްސީ ރެސްޓޯރެންޓް ތެރެއަށް މިރޭ ކަޅުތެޔޮ ޖަހައިފިއެވެ.
އަމީނީ މަގުގައި ހުންނަ ޕިއްޒާ ހަޓް އާއި ކޭއެފްސީ ރެސްޓޯރެންޓުގެ ފާރަށާއި ކައުންޓަރަށް ވެސް ކަޅުތެޔޮ ޖަހާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ޕޯސްޓުތަކުގައިވާ ގޮތުން، ކަޅުތެޔޮ ޖަހާފައި ވަނީ އެ ވިޔަފާރިތަކުން އިސްރާއީލަށް ފަންޑު ކުރާތީ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ދެ ރެސްޓޯރެންޓްގެ އިތުރުން މާލޭގައި ހުންނަ ކޮކާ ކޯލާ ގުދަނަށް ކަޅުތެޔޮ ޖަހާފައިވާ ކަމުގެ މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ބައިނަލްއަގުވާމީ ހަރަކާތްތައް މިފަހުން ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ.
އެގޮތުން ރާއްޖޭގައި ވެސް ސޯޝަލް މީޑިއާގައި އެފަދަ ހަރަކާތްތަކަށް ގޮވާލާއިރު، ބޮއިކޮޓް ކުރަން ގޮވާލާ ވިޔަފާރިތަކުގެ ތެރޭގައި ކޭއެފްސީ ހިމެނެއެވެ.