އިސްރާއީލުން ބާރު ގަދަ ހަތިޔާރު ބޭނުންކުރާ މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

އިންސާނީ ހައްގުތަކާބެހޭ އދ ގެ ހައި ކޮމިޝަނަރު ވޯކާ ޓާރކް ފޮޓޯ/އަނޮދޮލް ނޫސް

އިސްރާއީލުން ބާރުގަދަ ގޮވާތަކެތި ބޭނުންކުރާ މައްސަލަ ތަހޫގީގު ކުރުމަށް އިންސާނީ ހައްގުތަކާބެހޭ އދ ގެ ހައި ކޮމިޝަނަރު ވޯކާ ޓާރކް ގޮވާލައްވައިފިއެވެ.

ވޯކާއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާރުގަދަ ގޮވާތަކެތި ބޭނުންކުރުން އިސްރާއީލުން ހުއްޓާލަންޖެހެއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ޓާކާ ވިދާޅެއްނުވެއެވެ. އިސްރާއީލުން ވަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވެފައި ކަމަށްވެސް ޓާކާ ވިދާޅުވިއެވެ.

ޣައްޒާގައި އާންމުން މަރުވުމުގެ ޒިންމާ ހަމާސްގެ މައްޗަށް އިސްރާއީލުން އުފުލާއިރު، ހަމާސްގެ ހަތިޔާރުތައް ޣައްޒާގެ ހޮސްޕިޓަލްތަކުގައި ފޮރުވާފައިވާ ކަމަށްވެސް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ޣައްޒާގެ އިތުރުން ޔަހޫދީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުން ފަލަސްތީނު ރައްޔިތުން ރައްކާތެރިކުރުމަށްވެސް ޓާކް ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

ޓާކް ވިދާޅުވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ 176 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 43 ކުޑަކުދިންވެސް ހިމެނެއެވެ.

އޮކްޓޫބަރު މަހު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11000 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 4056 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ތެރޭގައި އެކިވަރުގެ އަނިޔާވެފައިވާ މީހުންގެ އަދަދު 25،000 އަށްވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން މި ހަމަލާތައް ދޭން ފެށީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އޮކްޓޫބަރު މަހު 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެއެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރީ ޕްލޭންތައް މިހާ ހިސާބަށްއައި އިރުވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް