ބަތަލާ ޖާންވީ ކަޕޫރާއި އެކްޓަރު ރާޖް ކުމާރު ރާއޯ ލީޑް ރޯލް ކުޅޭ ފިލްމު "މިސްޓަރ އެންޑް މިސިޒް މާހީ" ރިލީޒް ކުރުން އަންނަ އަހަރުގެ އޭޕްރީލް މަހަށް ފަސްކޮށްފިއެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންއިން ގެނެސްދޭ މި ފިލްމަކީ، ޝަރަން ޝަރުމާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޝަރަން ޝަރުމާ އަކީ 2020ވަނަ އަހަރު ރިލީޒްވި ޖާންވީގެ ފިލްމު "ގުންޖަން ސަކްސޭނާ: ދާ ކާގިލް ގާލް"ގެ ވެސް ޑައިރެކްޓަރެވެ.
ޖާންވީ ކްރިކެޓް ކުޅިވަރުގެ މައިދާނުން ފެންނާނެ މި ފިލްމުގައި ރާޖް ކުމާރު ރާއޯ އަކީ ވެސް ކުރިކެޓް ކުޅުންތެރިއެކެވެ. ފިލްމު "މިސްޓާ އެން މިސިޒް މާހީ" އަކީ ކުރިކެޓް ކުޅިވަރުގައި ޙަރަކާތްތެރިވާ ދެ މަފިރިއެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އަންނަ އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހު ރިލީޒްކުރާ "މިސްޓާ އެން މިސިޒް މާހީ"އަކީ ޖާންވީ އާއި ރާޖް އެކީގައި ފެނިގެންދާނެ ދެ ވަނަ ފިލްމެވެ.
ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ބިރުވެރި ހެއްވާ މަޖާ ފިލްމު "ރޫހީ"އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. ފިލްމު "ރޫހީ"އާއެކު ޖާންވީ އާއި ރާޖްގެ އޮން ސްކްރީން ކެމިސްޓްރީ އާއްމުންނަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު "މިސްޓަރ އެންޑް މިސިޒް މާހީ" އިއުލާނުކުރީ ވެސް ދެ ތަރިންގެ ފިލްމަކަށް ބެލުންތެރިން އެދިއެދި ތިއްބައެވެ.
ފިލްމު "މިސްޓާ އެންޑް މިސިޒް މާހީ" ރިލީޒްވުމުގެ ކުރިން ޖާންވީގެ ފުރަތަމަ ތެލުގޫ ފިލްމު "ދެވަރަ-1" އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ވަނީ ތާވަލުކުރެވިފައެވެ.
ތެލުގޫ އެކްޓަރު އެންޓީ އާރް ޖޫނިއަރު ލީޑް ރޯލްއިން ފެންނަ މި ފިލްމަކީ އެކްޝަން ޑްރާމާއެކެވެ. ޖާންވީ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ މި އަހަރު އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ފިލްމު "ބަވާލް"އިންނެވެ.