ކެއާ ސޮސައިޓީއަށް 25 އަހަރުފުރުން ފާހަގަ ކުރުމަށް ހަރަކާތްތަކެއް

ކެއާ ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން --

ކެއާ ސޮސައިޓީއަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް އޮތް އަހަރަށް ރާވައިފިއެވެ.

ކެއާ ސޮސައިޓީގެ އަހަރީ ދުވަހަކީ އިއްޔެއެވެ. އެ ދުވަސް ފާހަގަ ކުރުމަށް ރާވާފައިވަނީ މައިގަނޑު ތިން ހަރަކާތެކެވެ.

ކެއާ ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން --

އަހަރީ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޭއްވީ ކުޑަކުދިންގެ ހަވީރެކެވެ. މި ހަރަކާތް ބާއްވާފައި ވަނީ އިއްޔެ ހަވީރު 4:00ގައި ސޯޝަލް ސެންޓަރުގައެވެ. ކުޑަކުދިންގެ މި ހަވީރު ޝަރަފުވެރި
ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މިހަވީރުގައި ކުޑަކުދިންގެ ސްޓޭޖު ހަރަކާތްތަކާއި ކުޅިވަރު ސްޓޯލްތައް ބާއްވާފައި ވެއެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ދެން ރާވާފައިވަނީ ޓީިވީ އަދި ރޭޑިއޯ މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމްތަކެކެވެ. މިޕްރޮގްރާމްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާއި އެފަރާތްތަކަށް ޚިދުމަތް ދިނުމުގައި އަދި ކުދިންނަށް ތަޢުލީމު ދިނުމާއި ބެލެހެއްޓުމުގައި މުޖުތަމައަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތަކުގެ މައްޗަށް ބަލައި ތައްޔާރު ކުރާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް ކުރިއަށް ދާނީ އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ.

އަހަރީ ދުހަވުގެ އެންމެ ކުލަގަދަ ހަފުލާއެއްގެ ގޮތުގައި ރާވާފައިވަނީ "ގާލާ ނައިޓް" އެވެ. މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އެއީ ކެއާ ސޮސައިޓީގެ 25 އަހަރުގެ ދަތުރުގެ ކާމިޔާބީއާއ،ި އެހީތެރިވެދިން އެންމެހާ ފަރާތްތަކާއި ކެއާ ސޮސައިޓީގެ ކުރިމަގުގައި ކުރާނެ މުހިއްމު ކަންތައްތައް އިއުލާން ކުރުމަށް ބާއްވާ ހަފުލާއެކެވެ.

ކެއާ ސޮސައިޓީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާއެކެވެ. އެގޮތުން މާލެ އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެއާ ސޮސައިޓީގެ ގޮފި ހިންގަމުން ދެއެވެ.

comment ކޮމެންޓް