އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް ހިޒްބުﷲ ޖަމާއަތުގެ ދެވަނައަށް އެންމެ އިސް ކޮމާންޑަރު ޝެއިޚް ނާއިމް ގާސިމް ވިދާޅުވެއްޖެއެވެ.
ބީބީސީގައިވާ ގޮތުން، ޝެއިޚް ގާސިމް ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ، މެދުއިރުމަތީގައި ވަރަށް ސީރިއަސް އަދި ވަރަށް ނުރައްކާތެރި ކަންތައްތަކެއް ހިނގާފާނެ އެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެ ކަމަށް ވޭސް އޭނާ ވިދާޅުވިއެވެ.
"ނުރައްކާތެރިވާނެ ކަމީ ހަގީގަތެއް. އެއީ އިސްރާއީލުން ދަނީ އާންމުންނަށް ދޭ ހަމަލާތައް އިތުރު ކުރަމުން. އަދި ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި،" ހިޒްބުﷲގެ ކޮމާންޑަރު ވިދާޅުވިއެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި އަރަބި ލީގުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކުރާ ޝިޔައީ ޖަމާއަތް ހިޒްބުﷲ އަކީ ލުބުނާނުގެ އެންމެ ބޮޑު ސިޔާސީ އަދި އަސްކަރީ ބާރެވެ. ލުބުނާންގައި ހަރަކާތްތެރިވާ މި ޖަމާއަތުން މިހާރު ވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެގޮތުން، އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ކައިރީގައި ދެ ފަރާތުން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 10،000އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެތައް ބަޔަކު ޒަހަމްވެފައިވާވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވެސް އެބަތިއްބެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.