އާބާދީ ހަމަހަމަ ކުރަން ގއ. އަތޮޅުގެ ދާއިރާތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަނީ

އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާބާދީ ހަމަހަމަ ކުރުމަށް ގއ. އަތޮޅުގެ ދާއިރާތަކަށް ރަށްތައް ބަހާފައިވާގޮތަށް ބަދަލު ގެނައުމުގެ މަޝްވަރާ އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ސަން"އަށް ވިދަޅުވީ މި ބަދަލު ގެނައުމަށް މަޝްވަރާ ކުރަނީ، މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތާ ގުޅޭގޮތުން ލިބިފައިވާ ޝަކުވަތަކަށް ބެލުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރިން ކޮލަމާފުށި ދާއިރާގައި ހިމަނާފައި ވާނީ ދެއްވަދޫ ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރަނީ ކޮލަމާފުށި ދާއިރާގައި މާމެންދޫ ހިމެނުމަށެވެ. އޭރުން ދެއްވަދޫ ހިމެނޭނީ ގެމަނަފުށީ ދާއިރާގައެވެ.

ފުއާދު ވިދާޅުވީ މި ކަމާ ގުޅިގެން އަދި ކުރިއަށް ދަނީ މަޝްވަރާތައް ކަމަށެވެ.

މިހާރު މަޖިލީސް އެކުލެވިގެންވާ ގޮތުން އާބާދީގެ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއް ހުންނަން ޖެހޭނެއެވެ. އެހެންވެ، މިހާރު 87 މެންބަރުން ތިއްބެވި ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި 93 މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

comment ކޮމެންޓް