މެސީ އަދި އާޖެންޓީނާ ކުޅުންތެރިން ދެކެ މޮރީނިއޯ ވަރަށް ލޯބިވޭ: ޑިބާލާ

ރޯމާގެ ކޯޗު މޮރީނިއޯ އާއި އެ ކްލަބުގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ -- ފޮޓޯ/ ގެޓީ

ލިއޮނެލް މެސީ އަދި އާޖެންޓީނާ ކުޅުންތެރިން ދެކެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ލޯބިވާ ކަމަށް އެ ކްލަބުގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ ބުނެފިއެވެ.

"ޓީވައިސީ ސްޕޯޓްސް"ގެ ނޫސްވެރިޔާ ގަސްޓޮން އެޑުލްއަށް ދިން އިންޓަވިއުއެއްގައި ޑިބާލާ ބުނީ މިިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް އަތުން އާޖެންޓީނާ މޮޅުވުމާ އެކު ވެސް ޕޯޗުގަލަށް އުފަން ކޯޗު މޮރީނިއޯ، އޭނާއަށް ގިނަ ފަހަރަކު ގުޅާފައި އޮތް ކަަމަށެވެ.

"ފައިނަލް މެޗަށް ފަހު އަހަރެން ދިޔައީ ޑޯޕިން ރޯމަށް. އެއަށް ފަހު އާއިލާއަށް ގުޅުމަށް ފޯނު ނެގުމުން މޮރީނިއޯގެ ފަސް މިސް ކޯލް ފެނުނު. އަހަރެން މަންމައަށް ގުޅުމުގެ ކުރިން ފޯނުން ވާހަކަދައްކާފައިވާނީ ވެސް މޮރީނިއޯއާ. އޭނާ ހުރީ ވަރަށް އުފަލުން، އެއީ އާޖެންޓީނާ ކުޅުންތެރިން ދެކެ އޮތް ލޯބި،" މީގެ ކުރިން ރެއާލް މެޑްރިޑަށް ވެސް އިރުޝާދުދީފައިވާ މޮރީނިއޯއާ ގުޅޭ ގޮތުން ޑިބާލާ ބުންޏެވެ.

ޑިބާލާ ބުނީ މޮރީނިއޯގެ ވާހަކަތަކުގައި ވަރަށް ގިނަ ފަހަރު މެސީ އާއި އެންހެލް ޑި މަރީއާއަށް ތައުރީފު ކޮށްފައިވާ ކަމަށާއި އެ ކުޅުންތެރިން ދެކެ މޮރީނިއޯގެ ހިތުގައި ހާއްސަ ލޯތްބެއް އޮންނަ ކަމަށެވެ. އަދި، މޮރީނިއޯގެ ކާމިޔާބީގެ ފަހަތުގައި އާޖެންޓީނާ ކުޅުންތެރިންގެ ހިއްސާ ވެސް ބޮޑުކަން ޑިބާލާ ފާހަގަކުރިއެވެ.

ރޯމާއާ އެކު ޑިބާލާ ދެން ނުކުންނަން ޖެހޭނީ ޔޫރޮޕާ ލީގުގެ މެޗަކަށެވެ. "ގްރޫޕު ޖީ"ގެ އެއްވަނައިގައި އޮތް ރޯމާއިން މިއަދު ނުކުންނާނީ ސްލާވިއާ ޕްރާހާއާ ދެކޮޅަށެވެ.

comment ކޮމެންޓް