ރެއާލުން އެމްބާޕޭ ގެންދިއުމަށް ކުރާ މަސައްކަތް ހުއްޓާލަނީ!

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފާއިތުވި އަހަރުތަކުގައި ރެއާލަށް ގެންދިއުމަށް އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެ ކަމަށް ނިމުމެއް ގެނައުމަށް މިހާރު ވަނީ ނިންމައިފައެވެ. އަދި، މި ސީޒަނަށް ފަހު ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސް، ހިލޭ ޓްރާންސްފާއެއްގެ ދަށުން ގެންދެވެން އޮތް ނަމަވެސް، އޭނާ ރެއާލަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލުން އެމްބާޕޭ ގެންދިއުމުގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވަނީ މައިގަނޑު ތިން ސަބަބަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ގެންދިޔަ ނަމަވެސް، އެމްބާޕޭއަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޔޫރޯގެ މުސާރައެއް ދޭން ޖެހުމުގެ އިތުރުން ބޯނަސްތަކަށް ވެސް ގިނަ ހަރަދުތަކެއް ކުރަން ޖެހުމެވެ.

ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ރެއާލުން އެ ނިންމުން ނިންމާފައިވާ އަނެއް ސަބަބަކީ އެމްބާޕޭގެ އުމުރަށް ބަލައިފައެވެ. އެމްބާޕޭއަށް މިހާރު 26 އަހަރު ވެފައިވާ އިރު، ރެއާލުން އެއަށްވުރެ ޒުވާން ކުޅުންތެރިން ގެންދިއުމަށް ބޮޑު ޝައުގުވެރިކަމެއް ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތިންވަނަ ކަމަކަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވަނީ އެމްބާޕޭއާ އެކު ހަދައި ކޮންޓްރެކްޓުގެ ސަބަބުން މާލީގޮތުން އެތައް ގެއްލުމެއް ކުރިމަތިވެދާނެތީއެވެ. އެކަމާ ގުޅިގެން ސަޕޯޓަރުންނަށް ވެސް މާޔޫސްކަމެއް އައިސްދާނެ ކަމަށް ރެއާލުން ވިސްނާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ރެއާލުން އެމްބާޕޭ ގެންދިއުމަށް މަސައްކަތް ކުރުމުން މިދިޔަ އަހަރު އޭނާ ވަނީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ. މި ސީޒަނަށް ފަހު ޕީއެސްޖީގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީ، އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް، އެކަމަށް އެމްބާޕޭ ވަނީ ދެކޮޅު ހަދައިފައެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން ދޫކޮށްލަން ޖެހިއްޖެ ނަމަ، މާލީގޮތުން ޕީއެސްޖީއަށް އެ ކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެއެވެ.

comment ކޮމެންޓް