އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިންތަކަށް ހާއްސަކޮށްގެން ދުނިޔޭގެ ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއް ބާއްވައިފިއެވެ.
އިންޓަނެޓާއި މަސައްކަތުގެ މާހައުލަށް އެންމެ ބޮޑު ބަދަލެއް ގެންނަމުން މިހާރު އަންނަ ޓެކްނޮލޮޖީ އަކީ އޭއައިއެވެ. އެކި ދާއިރާތަކުގައި އޭއި ބޮޑެތި އެހީތަކެއް ވަމުން އަންނައިރު އެއްބައި ދާއިރާތަކުގައި މި ޓެކްނޮލޮޖީގެ ސަބަބުން ނުރައްކާތެރި ބަދަލުތައް އަައިސްދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހާއްސަކޮށް މުޅީން އަލަށް އަންނަ ބަދަލަކަށް ވާއިރު މި ކަމާ ގުޅޭގޮތުން ދުނިޔޭގައި އެއްވެސް ގާނޫނެއް އަދި ގަވާއިދުތަކެއް ހެދިފައި ނުވާތީ މި މޮނިޓާ ކުރާނެ ގޮތާ މެދު އެތައް ބަޔަކު ކަންބޮޑު ވެއެވެ.
މި ކަންބޮޑުވުންތައް ހުއްޓައި ދާދި ފަހުން ވަނީ އޭއައިއަށް ހާއްސަކޮށް ފެޝަން ޝޯއެއް ބާއްވައިފައެވެ. އޭއައިއަށް ހާއްސަ ކްރިއޭޓިވް އޭޖެންސީތަކެއް ކަމަށްވާ ރިވޯލްވް އަދި މޭސަން މެޓާއިން ވަނީ މުބާރާތެއްގެ ތެރެއިން ހާއްސަ ފެޝަން ޝޯއެއް ބާއްވައިފައެވެ.
އާންމުންނަށް ހުޅުވާލައިގެން ޑިޒައިންތައް ފަރުމާކޮށް އެއިން ވަނަތަކަށް ހޮވޭ ޑިޒައިންތައް ފެޝަން ޝޯގައި ދައްކައިލާނީއެވެ.
މި މުބާރާތުން ދެ ކަލެކްޝަނެއް ވަނީ މޮޅުވެފައެވެ. ކޮންމެ ކަލެކްޝަނެއްގައި ވެސް 10 ސެޓު ހިމެނެއެވެ. މީގެ އަގުތައް 1،500 އާއި 228 ޑޮލަރާ ދެމެދުގައި ހުރެއެވެ.
މުބާރާތުގެ ބައިވެރިން އޭއައި އިމޭޖް ޖެނެރޭޓް ކުރާ ޓެކްނޮލޮޖީ އާއި ފޮޓޯޝޮޕް ފަދަ ސޮފްޓްވެއާ ބޭނުންކޮށްގެން ޑިޒައިންތައް އުފެއްދުމަށް އެދުނެވެ. އެންމެ ބޮޑަށް ބޭނުން ކުރުމަށް ބާރުއަޅާފައިވަނީ "މިޑްޖާނީ" އާއި "ސްޓޭބަލް ޑިފިއުޝަން" އެވެ.
އެއަށް ފަހު މޮޅުވާ ބައިވެރިން މަސައްކަތް ކުރާނީ ރިވޯލްވް އާއި މޭސަންއާ އެކުގައި ޑިޒައިންތައް އަސްލަށް ގެނައުމަށެވެ. މި އިވެންޓަށް އާންމުންގެ ތެރެއިން ސަމާލުކަން ލިބިފައިވާއިރު ބައެއް ކަންބޮޑުވުންތައް ވެސް ވަނީ އާންމުވެފައެވެ.
ނަމަވެސް މި ކުންފުނިތަކުން އަންނަނީ މަސައްކަތް އިތުރުކުރާނެ ގޮތްތައް ހޯދަމުންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އިތުރު ފެޝަން ހަފުތާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.