އިންޓަނެޓު ދައްކަނީ ކެންޑްރިކްގެ ޖީންސްގެ ވާހަކަ

ދާދިފަހުން ބޭއްވި ސުޕަބޯލްގެ ހާފްޓައިމް ޝޯގެ ވާހަކަ އަދިވެސް މުޅި އިންޓަނެޓުގައި އެބަ ދައްކައެވެ. ކެންޑްރިކްގެ ފޭނުން އަންނަނީ އޭނާގެ ހުށަހެޅުމަށް ތައުރީފު ކުރަމުންނެވެ.

ޝޯ ނިމުނު ފަހުން ދެކެވެން ފެށީ ތަފާތު ވާހަކައެކެވެ. އެއީ އޭނާ ޝޯއަށް ލައިގެން ހުރި ޖީންސްގެ ވާހަކައެވެ.

ހާފްޓައިމް ޝޯގައި އާންމުކޮށް ހުށަހަޅާއިރު ގިނަ ފަހަރަށް ހެދުންތައް ބަދަލުކޮށް ހަދާނެއެވެ. ނަމަވެސް ކެންޑްރިކް މުޅި ޕަފޯމެންސް ދީފައިވަނީ އެއް އައުޓްފިޓްގައެވެ. ނަމަވެސް ގިނަ ބަޔަކަށް އަޅައިގަތީ ކެންޑްރިކް ލައިގެން ހުރި ޖީންސެވެ.

ކެންޑްރިކްގެ ޖީންސަކީ މިދުވަސްކޮޅުގެ މަގުބޫލު ޖީންސާ މުޅީން ތަފާތު ޖީންސެކެވެ. އާންމުކޮށް މި ދުވަސްކޮޅު އެންމެން ވެސް ލައިގެން އުޅެނީ ދޫކޮށް ހުންނަ ނުވަތަ ބެގީ ޖީންސެވެ. އެއްވަރަކަށް ފުޅާކޮށް ހުންނަ މި ޖީންސް މިހާރު ހުރިހާ އުމުރެއްގެ މީހުން ލައިގެން އުޅޭތަން ފެންނާނެއެވެ.

ނަމަވެސް ކެންޑްރިކް ލައިގެން ހުރީ ތަފާތު ޖީންސެކެވެ. އެއީ ބެލް ބޮޓޮމްސްއެވެ. މިއީ ފައިކުރިއަށް ފުޅާކޮށް ހުންނަ ޖީންސެވެ. މި ޖީންސަކީ 2000ގެ ކުރީކޮޅަށް އަދި 70ގެ އަހަރުތަކަށް ވަރަށް މަގުބޫލު ޖީންސްތަކެކެވެ. އަދި ހާއްސަކޮށް އެ ދުވަސްވަރު މި ޖީންސަކީ ދެ ޖިންސުގެ މީހުން ވެސް ލައި އުޅުނު އެއްޗެކެވެ.

ނަމަވެސް އިވެންޓު ތެރެއިން މި ޖީންސް ފެނުމަކީ ބެލް ބޮޓޮމްސްގެ ޓްރެންޑް އަނބުރާ އަންނަން އުޅޭ ކަމުގެ ސިގްނަލެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި އަހަރަށް ލަފާކޮށްފައިވާ ފެޝަން ޓްރެންޑްތަކަށް ބަލާއިރު ސްކިނީ ޖީންސް އަކީ މިއަހަރުގެ އެންމެ ބޮޑު ހިޓަށް ވާނެ ކަމަށް ފެޝަން އެނަލިސްޓުން ބުނެއެވެ. ނަމަވެސް ބެލް ބޮޓޮމްސްގެ ޓްރެންޑް އަންނާނެ ކަމަށް އެއްވެސް ބަޔަކު ލަފާކޮށްފައެއް ނުވެއެވެ. އެކަމު ކެންޑްރިކްގެ އިތުރުން ވެސް އެހެން ފަންނާނުންގެ ފަރާތުން މި ޖީންސް މިހާރު ވަނީ މަޑުމަޑުން ފެންނަން ފަށާފައެވެ. އެހެންވީމާ މި އަހަރަކީ ކުރީގެ ޓްރެންޑްތައް އަނބުރާ އަންނަން އުޅޭ އަހަރަކަށް ވެދާނެއެވެ.

comment ކޮމެންޓް