މި ފާއިތުވި ތިން ވަރަކަށް އަހަރު ތެރޭގައި ފެޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އެންމެ ބޮޑު ބަދަލެއް ފެނިފައިވަނީ އާންމުކޮށް ލައިގެން އުޅޭ ޖީންސްތަކާއި ފަޓުލޫނުތަކެވެ. ފުޅާކޮށް ހުރި ޖީންސްތަކާއި ފަޓުލޫނުތަކުގެ ޓްރެންޑް ގޮސް އެންމެ ފަހުން ހިމަ ފަޓުލޫނުތައް އަނެއްކާ އެނބުރި އަންނަކަމުގެ ސިގުނަލްތައް ފެންނަން ފަށައިފިއެވެ.
ފުޅާ ޖީންސްތައް ނުވަތަ ބެގީ ޖީންސްތަކަކީ މީގެ ކުރީން އެންމެ ގިނައިން މަގުމަތީން ވެސް އަދި އެކި ކެޝުއަލް އިވެންޓުތަކުން ފެންނަ އެކައްޗެވެ. ފިރިހެނުންގެ އޮފީސް އައުޓްފިޓުން ވެސް ފެނިފައިވަނީ "ސްޓްރެއިޓް" ދޫ ފަޓުލޫންތަކެވެ. އެކަމަކު، އެ ޓްރެންޑް ބަދަލުވާން ގާތްވެއްޖެއެވެ.
ސްކިނީ ޖީންސާއި ފަޓުލޫންތައް މި އަހަރު އަންހެނުންގެ ފެޝަނުން މަގުބޫލު ވާނެ ކަމަށް ފެޝަނާ ގުޅޭ އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ފިރިހެން ޖީންސްތަކާއި ފަޓުލޫނުތައް ހިމަ ވާނެ ކަމަކަށް ނުބުނެއެވެ. އަދި، ޚާއްސަކޮށް އޮފީސް ފަޓުލޫނުތައް ހިމަ ވާނެ ކަމަކަށް ނުބުނެއެވެ.
ނަމަވެސް، މިހާރު ވެސް މި ޓްރެންޑު މަޑުމަޑުން ފެންނަން ފަށައިފިއެވެ. އެއީ، ސްކިނީ އޮފީސް ފަޓުލޫނެވެ. އެކަމަކު ކުރީގެ ސްޓައިލަށް ވުރެ މި ފަހަރު މި ސްޓައިލް ތަފާތެވެ. ކުރީން މުޅި ފަޓުލޫނު އެއްކޮށް ހިމަވި ނަމަވެސް މި ފަހަރު ހިމަވަނީ ކަށިމައްޗާ ދިމާލުންނެވެ. އެހާ ހިސާބުން ފެށިގެން ފައިކުރިއާ ހަމައަށް މި ފަޓުލޫނުތައް ހިމަވާނެއެވެ. ކަލުލާއި ފަލަމަސްގަނޑާ ހިސާބު ހުންނާނީ ދޫކޮށެވެ.
މި ޓްރެންޑް އަންނާނެ ކަމަށް ލަފާ ކޮށްފައިނުވާއިރު މިހާރު ވެސް މަދުމަދުން ވަނީ ފެންނަން ފަށާފައެވެ. އެހެންވީމާ މި އަހަރުގެ މާޗު މަހާ ހަމައަށްދާއިރު މި ޓްރެންޑް ވަރަށް ބޮޑަށް އާންމުވެފައި ހުންނާނެ ކަމަށް ބެލެވެއެވެ.
ސްކިނީ ފަޓުލޫނު އަދި ޖީންސަކީ އާންމުންގެ ތެރޭގައި އެއަށް ހިޔާލު ތަފާތުވުން އޮތް އެއްޗެކެވެ. ގިނަ ބަޔަކު ލާން ފޫހިވީ ނަމަވެސް އެއަށް ލޯބި ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެންވީމާ މި ޓްރެންޑް ކަމު ނުދާ މީހުން ވެސް މި ފަޓުލޫނުތަކާ އެކު އޮފީހަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ފެޝަން ޓްރެންޑުވުމުން ކަމުނުދާ އެއްޗެހި ވެސް ލުމަކީ އާންމު ކަމެކެވެ. އެހެންވީމާ އޮފީސްތަކުން މި ފަޓުލޫނު މި އަހަރުގެ ތެރޭގައި ގިނައިން ފެންނާނެ ކަމަށް ބެލެވެއެވެ.