އައްޑޫން ގޯތި ލިބޭ މީހުންނަށް މި މަހު ފަހުކޮޅު ބިން ހަވާލުކުރަނީ

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީން ގޯތި ލިބޭ މީހުންނަށް މި މަހު ފަހުކޮޅު ބިން ހަވާލުކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު އައްޑޫން ގޯތި ދޫކުރުމަށް ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ފަހަރު ހުޅުވައިލީ 500 ގޯތި ހިތަދޫން ދޫކުރުމަށާއި، ބާކީ 500 ގޯތި ފޭދޫއާއި ހުޅުދުއާއި މީދޫން ދޫކުރާ ގޮތަށެވެ.

ގޯތި ދޫކުރުމަށް ހުޅުވައިލި މުއްދަތުގެ ތެރޭގައި 1،000 ގޯއްޗަށް އެދި 4،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އޭރު އައްޑޫ ކައުންސިލުން ބުންޏެވެ. އައްޑޫ ސިޓީން ގޯތި ލިބޭ މީހުންގެ ލިސްޓް ނެރެފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

'ސަން' އާ ވާހަކަދައްކަވަމުން މޭޔަރު ނިޒާރު މިއަދު ވިދާޅުވީ، ގޯތި ލިބުނު މީހުންނަށް މި މަސްތެރޭ ބިން ހަވާލުކުރުުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ހިނގަމުންދާ ކަމަށެވެ. އަދި، މި މަހުގެ ފަހުކޮޅު އެ މަސައްކަތްތައް ނިންމައި ރައްޔިތުންނާ ބިން ހަވާލުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މި މަހުގެ ފަހުކޮޅަށް ހެން ހީވަނީ. މި މަހުގެ 20، 25 ހިސާބުގައި އެ މަސައްކަތް ނިންމައިލާ ގޯތި ހަވާލު ކުރެވޭނެ،" މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މި އަހަރު ކުރީކޮޅު ފޯމުތައް ހުށަހެޅުމަށް ހުޅުވާލުމަށް ފަހު ފޯމުތައް ހުށަހެޅުމަށް ކަނޑައެޅި ތާރީޚަށް ފަހު ފޯމުތައް އިވެލުއޭޓު ކުރުން ލަސްވުމާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައެވެ. އޭރު އެ ކައުންސިލުން ބުނީ، ފޯމުތަކުގެ މަސައްކަތް ނިންމުން ލަސްވި އެއް ސަބަބަކީ، ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާވުން ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ/ ސިޓީ ކައުންސިލް

އޭގެ އިތުރުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލަށް ކުރިމަތިވެފައި އޮންނަ ކަމަކީ އައްޑޫ ސިޓީން ދޫކޮށްފައިވާ ގެތަކުގެ ތެރެއިން 350 އަށް ވުރެ ގިނަ ގޯތި ޗަސްބިމުން ދޫކޯށްފައި އޮތް އޮތުން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެއީ، ހިތަދޫއާއި ފޭދޫންނެވެ. އެކަން ހައްލު ކުރުމަށް އެ ކައުންސިލްގެ މުވައްޒަފުން ވަނީ ޗަސް ބިންތަކަށް ވެލިއެޅުމުގެ މަސައްކަތް ކޮށްފައެވެ.

މި މަޝްރޫޢަކީ 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

އެތައް އަހަރެއް ވެގެން ދިޔަ އިރު ވެސް އައްޑޫން ގޯތި ދޫނުކުރުމުގެ ސަބަބުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު އަންނަނީ ފްލެޓްތައް ވެސް ތަރައްޤީކުރަމުންނެވެ. މި ވަގުތު އައްޑޫގައި 275 ފްލެޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ވެސް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

މޭޔަރު ނިޒާރު ވިދާޅުވި ގޮތުގައި ފޭދޫގަ އަޅާ 75 ފްލެޓުގެ ފައުންޑޭޝަންތައް އަޅައި މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައެވެ.

"ތަނބުތަކުގެ މަސައްކަތް ފެށިފަ އެ ހުރީ. އެ މަސައްކަތުގެ ސައިޓު މިހާރު ހަވާލުކުރެވިފައި ވަނީ. އެ މަސައްކަތުގެ ކޮންޓްރެކްޓަރު އައްޑުއަށް އައިސްފައި ވަނީ ވެސް. ދެން މިހާރު ސައިޓް ކްލިއާ ކުރުމުގެ މަސައްކަތް އެ ކުރިއަށް ދަނީ،" މޭޔަރު ނިޒާރު ވިދާޅުވިއެވެ.

"ހީވާ ގޮތުން އަމަލީ މަސައްކަތް އެއްކޮށް ފަށާނެ މި މަސްތެރޭ،"

އެންމެ ފަހުން އައްޑޫ ސިޓީން ގޯތި ދޫކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ.

comment ކޮމެންޓް