ސައުދީ އަރަބިއާގެ އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމުން ނޯނޯ އެސްޕިރިޓޯ ސަންޓޯ ވަކިކޮށްފިއެވެ.
ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދު އެންމެ ފަހުން ކުޅުނު ފަސް ލީގު މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި, އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޖަވިޔާ އަތުން ވެސް 2-0ގެ ނަތީޖާއަކުން އަލް އިއްތިހާދު ވަނީ ބަލިވެފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭއެފްސީ ޗެމްޕިއަންސް ލީގު މެޗަށް ފަހު ކޯޗު ނޫނޯ އާއި ކެޕްޓަން ކަރިމް ބެންޒެމާއާ ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ. އަދި ނޫނޯ މަގާމުން ވަކިކޮށްފައި މައިގަނޑު ސަބަބަކީ ވެސް ބެންޒެމާއާ ޖެހުނު މައްސަލައިގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސީޒަނަށް ބެންޒެމާއާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފަދަ ވަރުގަދަ ކުޅުންތެރިންތަކަކާ އެކު ނުކުތް އަލް އިއްތިހާދަށް އެންމެ އެދެވޭ ނަތީޖާތައް ނެރެވިފައެއް ނުވެއެވެ. އަލް އިއްތިހާދުން އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.
އަލް އިއްތިހާދުން މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ކާމިޔާބުކުރީ ވެސް ނޫނޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ މީގެ ކުރިން ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދިން ކޯޗެކެވެ.