ޑިމޮކްރެޓުން މިއަދު ތިބީ އެންމެ ބޮޑު ހަތުރުން ކައިރި ސަލާންޖަހަން: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް

ޑިމޮކްރެޓްސްއިން އެ ބަޔަކާ ދެކޮޅަށް މުޅި ސިޔާސީ ހަޔާތް ބިނާކުރި މީހުން ކައިރިން މިއަދު ސަލާންޖަހާ ވަށިގަނޑު ހިފައިގެން ސަލާންޖަހަން ޖެހިފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޑިމޮކްރެޓްސްގެ ސިޔާސީ ހަޔާތުގައި ވަކާލާތު ކުރި ހުރިހާ ކަމެއް މިއަދު ވަނީ އެކޮޅުކޮޅުން ޖަހާފައި ކަމަށެވެ.

އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ފަސް އަހަރު ކުރެއްވި ކަމަކީ ސަރުކާރު ބަދުނާމުކޮށް ނުބައި ތަސައްވުރެއް ރައްޔިތުންގެ މެދުގައި ވިއްކައި އެމްޑީޕީ ޚަރާބު ކުރުމުގެ މަސައްކަތް ކަމަށް މަވޯޓާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މާދަމާ ރައީސް ޞާލިހު ވެރިކަމުގައި ނެތް ނަމަވެސް، ސިޔާސީ ގޮތުން ބޮޑު އަގެއް އެ މަނިކުފާނު ދައްކަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ކަމަކީ ވެރިކަމަށް މިއަދު އައީ އެ މަނިކުފާނުގެ ޒަމާންވީ ދުޝްމަނުގެ ފަހަތުން ސަލާންޖަހާ ވަށިގަނޑު ހިފައިގެން ސަލާންޖަހަން މަޖުބޫރުވުން. [ކުރީގެ ރައީސް] ޑރ. [މުހައްމަދު] ވަހީދު ފަދައިން ހަތް ޕަސަންޓުގެ ބޭފުޅަކަށް ސައިޒު ކުޑަވުން،" އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑިމޮކްރެޓްސްގެ އެއްވެސް ބޭފުޅަކަށް މަޖިލިސް މެންބަރުކަން ލިބުމުގެ ފުރުސަތު ނެތުމަކީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުން ކުރިމަތި ވާނެ ކަންކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސް އުޅެނީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރުއެމް ފަދައިން ހުލިވަމުންހުލިވަމުން ގޮސް 3000 މީހުންގެ ޕާޓީއަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުނުވާން އުޅޭ އެންމެ ބޮޑު ސަބަބަކީ އެ މަގާމު ގެއްލުމުން މުޅި ދުނިޔޭގައި ވެސް އެ މަނިކުފާނުގެ ހައިސިއްޔަތެއް ނެތުމެވެ. އެންމެ ކުޑަމިނުން މިހާރު ހުންނެވި ގޮނޑިއަށް ވެސް ކުރިމަތިލާން ދެން ރައީސް ނަޝީދަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުހޮވޭނެކަން ޔަގީންވާތީ އެ ރިސްކު ނުނަންގަވާށޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހިސާބުން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ކަފުންވީ ކަމަށެވެ. އަދި، އަންނަ އިންތިޚާބަށް ފަހު ޑިމޮކްރެޓްސް ވެސް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަކޮށް ޑިމޮކްރެޓްސްއަށް ލިބުނީ ހަތް ޕަސަންޓު ވޯޓެވެ. އެއަށް ފަހު ދެވަނަ ބުރުގައި އެއްވެސް ޕަޓީއަކަށް ތާއީދު ނުކުރި ނަމަވެސް، މި އުފެދޭ އާ ސަރުކާރާ އެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާ ކަމަށް ޑިމޮކްރެޓުން ބުނާއިރު، ކުރީގެ ޕީޕީއެމް ސަރުކާރުގައި އޭރު އެމްޑީޕީގައި ތިއްބެވި މިހާރު ޑިމޮކްރެޓްސްގެ އިސްވެރިން އެންމެ ނުރުހުންވީ އެއް ބޭފުޅަކީ މުއިއްޒެވެ.

comment ކޮމެންޓް