ވެރިކަން ބަދަލުވުމަށް މިއޮތް ކުޑަ ދުވަސްކޮޅު ތެރޭ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް އަވަސް އަރުވާލައިގެން ދޫނުކޮށް، އާ ސަރުކާރާ ހަވާލުކުރުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު ފިިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ އޮފީހުން މިގޮތަށް ބުނެފައި ވަނީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަކުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އޭސީސީއިން ވަނީ މިހާރު ފްލެޓްތައް ދިނުން ހުއްޓުވައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ސަރުކާރު ބަދަލުވުމަށް އެންމެ ނުވަ ދުވަހަށް ވެފައި ވަނިކޮށް، މި މުއްދަތުގެ ތެރޭގައި މުޅި ޕްރޮސެސްއާ ދޭތެރޭގައި އިތުބާރެއް ނެތް ގޮތަށް އަވަސް އަރުވާލައިގެން ފްލެޓުތައް ދޫކުރުމަކީ އެއީ ވަރަށް ގިނަ މައްސަލަތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"އޭސީސީން ވެސް ލަފާ އަރުވާފައިވާ ގޮތަށް އަދި އާސަރުކާރު ފެށެން ކައިރިވެފައިވުމުން މި ކުރު މުއްދަތުގެ ތެރޭ އަވަސްއަރުވާލައިގެން މި މަސައްކަތް ނިންމާ ފްލެޓްތަކުގެ ލިޔުން ނުވަތަ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑު ޖައްސާލައި އެކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އާ ސަރުކާރާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް،" ފިރުޒުލް ވިދާޅުވިއެވެ.
"އެއީ އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާގެ ގޮވާލެއްވުން އަދި އެދިވަޑައިގަތުންވެސްމެ،"
ފިރުޒުލް ވިދާޅުވީ، ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ކޮށްފައިވާނަމަ އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާނަމަ, އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މި ސަރުކާރުން ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ޑރ. މުއިއްޒު ކުރައްވާނެ ކަމެއް ނޫނެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި މި ސްކީމުތަކަށް ހުށަޅާފައިވާ އެއްވެސް ފޯމެއް ބާތިލު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް, ފިރުޒުލް މިއަދު ވިދާޅުވީ ފްލެޓުތައް ދީފައިވާ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ފްލެޓަށް ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މާލޭގައި އުޅޭތާ މަދު ދުވަސްވީ މީހުންނަށް ގިނައިން ޕޮއިންޓު ދީފައި ހުރުމާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ މީހުންގެ އާއިލާތަކަށް ފްލެޓު ދިނުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.
ފްލެޓަށް އެދުނު މީހުންގެ އަދަދު 20،000އަށް ވުރެ ގިނައިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޕޮއިންޓު ދިން ގޮތް މިހާރަށް ވުރެ ތަފުސީލުކޮށް ދިނުމަށް އެދެމުންނެވެ.
އެ ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއްގެ ނިޔަލަށް ގެދޮރުވެރިޔާ ޕޯޓަށް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ.
އޭސީސީން އިއްޔެ ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓާލަން ވެސް ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. އެއާއެކު އިއްޔެ ހެނދުނު އެ ކޮމިޝަނުން ވަނީ ތަހުގީގު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް ވަދެފައެވެ.