ފުލެޓް މައްސަލައިގެ ތަހުގީގަށް އޭސީސީން ޕްލޭނިން މިނިސްޓްރީއަށް ވަދެފި

ފްލެޓް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން އިއްޔެ އާއްމުން ޕްލޭނިން މިނިސްޓްރީއަށް އެއްވި ވަގުތު-- ސަން ފޮޓޯ: އަބްދުﷲ ޝާތިއު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަކުވާކޮށްފައިވާތީ އެ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަދެފިއެވެ.

އޭސީސީން އިއްޔެ ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓާލަން ވެސް ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ.

އެއާއެކު މިއަދު ހެނދުނު އެ ކޮމިޝަނުން ވަނީ ތަހުގީގު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް ވަދެފައެވެ.

https://sun.mv/184202

ފްލެޓަށް ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މާލޭގައި އުޅޭތާ މަދު ދުވަސްވީ މީހުންނަށް ގިނައިން ޕޮއިންޓު ދީފައި ހުރުމާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ މީހުންގެ އާއިލާތަކަށް ފްލެޓު ދިނުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.

ފްލެޓަށް އެދުނު މީހުންގެ އަދަދު 20،000އަށް ވުރެ ގިނައިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޕޮއިންޓު ދިން ގޮތް މިހާރަށް ވުރެ ތަފުސީލުކޮށް ދިނުމަށް އެދެމުންނެވެ.

އެ ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއްގެ ނިޔަލަށް ގެދޮރުވެރިޔާ ޕޯޓަށް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ ޕޮއިންޓު ދިނުމުގައި ބަލާފައި ހުންނާނީ ފްލެޓަށް ކުރިމަތިލީއިރު ފޯމުގައި ހިމަނައިފައިވާ މައުލޫމާތަށް ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއެކު ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނުގައިވަނީ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުން ކަމަށެވެ.

comment ކޮމެންޓް