ބާންއަށް އަނިޔާވެ, ނިއުކާސަލަށް އުނދަގޫތަކެއް

ނިއުކާސަލް ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ޑޭން ބާން -- ފޮޓޯ/ ގެޓީ

ނިއުކާސަލް ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ޑޭން ބާންއަށް އަނިޔާވެ, ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އާސެނަލް އަތުން 1-0ގެ ނަތީޖާއަކުން ނިއުކާސަލް މޮޅުވި މެޗުގެ ފުރަތަމަ ހާފަށްފަހު ބާންއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ ބާންއަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

"ބާންއަށް އަނިޔާއާ ގުޅިގެން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. އޭނާއަށް މަސްތަކެއް ވަންދެން ވެސް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ. ބާންއަށް އަނިޔާވީ ވެއްޓުނު ގޮތަކުން ބުރަކަށި ޖެހިގެން،" އޭނާ ބުންޏެވެ.

ހޯވް ބުނީ ބާންއަށް އަނިޔާވުމަކީ ނިއުކާސަލަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި ބާންއަކީ ކްލަބާ ގުޅުނީއްސުރެ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ބާންއަކީ ވަރަށް ގިނަ ހުނަރުތަކެއް ލިބިފައި ހުރި ކުޅުންތެރިއެއްކަން ވެސް ހޯވް ފާހަގަކުރިއެވެ.

ބާންއަށް އަނިޔާވުމުން ނިއުކާސަލްގެ ޑިފެންސްގައި ބޭނުންކުރުމަށް ތިބީ މަދު ކުޅުންތެރިންތަކެކެވެ. ނިއުކާސަލްގެ ޑިފެންސްގައި ހިމެނޭ މެޓް ޓާގެޓް އާއި ސްވެން ބޮޓްމަން ވެސް މިވަގުތު ތިބީ އަނިޔާގައެވެ.

comment ކޮމެންޓް