އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 30 ނޫސްވެރިއަކު ޝަހީދުކޮށްލައިފި

ޣައްޒާގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ދެ ނޫސްވެރިއެއްގެ ޖަނާޒާ ފޮޓޯ/ފަލަސްތީން ކްރޮނިކަލް

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 30 ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 30 ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާއިރު، އިތުރު ނޫސްވެރިން ވަނީ ޒަހަމްވެފައެވެ. އަދި ބައެއް މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ.

ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރުމަށް އައިއެފްޖޭ އިން ވަނީ ގޮވާލާފައެވެ. ޝަހީދުވި ނޫސްވެރިންނާއި، ގެއްލިފައިވާ ނޫސްވެރިންގެ ނަން އެގޭނެހެން އެމީހުން ވަނަވަރުވެސް އައިއެފްޖޭ އިން ވަނީ އާންމުކޮށްފައެވެ.

ހަފްތާ ބަންދުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އަލްއައްޔަމް ނޫހުގެ ނިއުސްރޫމާއި، ފަލަސްތީނު ޓަވަރުގައި ހުންނަ ޣައްޒާ އެފްއެމް ރޭޑިއޯ ސްޓޫޑިއޯ އާއި ޝެހާބް ނިއުސް އެޖެންސީގެ މައި އޮފީސް ފަދަ ބައެއް މީޑިއާތައް ހިންގާ މައި އޮފީސް ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން-- ފޮޓޯ/ފަލަސްތީން ކްރޮނިކަލް

ހަތިޔާރުއަޅައިގެން ހަމަނުޖެހުން ހިންގާ ސަރަހައްދުތަކުގައި ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެ ކަމަށާއި އެއްވެސް ކަހަލަ ހުރަހެއްނެތި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް އައިއެފްޖޭގެ ޖެނެރަލް ސެކްރެޓަރީ އެންތޮނީ ބިލާންގަރު ވިދާޅުވިއެވެ.

ފަލަސްތީނުގައި އަލްޖަޒީރާގެ ރިޕޯޓަރު ވާއިލު ދައްދޫ ބުނި ގޮތުގައި އިސްރާއީލުން އެމީހުންގެ ހަމަލާތައް މިހާރު އަމާޒުކުރަނީ ނޫސްވެރިންނަށާއި މީޑިއާ އޮފީސްތަކަށެވެ. ނަމަވެސް ނޫސްވެރިންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް ވާއިލު ބުންޏެވެ. އިސްރާއީލުން ޣައްޒާގެ ނަސީރު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ވާއިލުގެ އާއިލާ ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް މަހެއް ވެފައިވާއިރު، މިހާތަނަށް 10000 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް