ރެއާލްއާ ނުގުޅި، އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމަށް ނަސްރީ ގޮވާލައިފި

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑާ ނުގުޅި، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި މަޑުކުރުމަށް ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް އާސެނަލްގެ ކުރީގެ ތަރި ސާމިރް ނަސްރީ ގޮވާލަިއފިއެވެ.

މިސީޒަނަށްފަހު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން އަންނަ ސީޒަނުގައި ރެއާލްއާ ގުޅުމުގެ ފުރުސަތު އެމްބާޕޭއަށް އެބައޮތެވެ. ނަމަވެސް ނަސްރީ ދެކޭގޮތުގައި، އުމުރުން 24 އަހަރުގެ އެމްބާޕޭއަށް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ގައުމުގައި ހުރެ، ތާރީހު ލިޔެލުމެވެ.

"އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މީގެ ދެ އަހަރު ކުރިން ވެސް އަހަރެން ވާނެ ބުނެފަ. އޭނާއަކީ ޕެރިސް ސަރަހައްދަށް ނިސްބަތްވާ ކުޅުންތެރިއެއް. އަހަރެން މިއީ އެމްބާޕޭ ނަމަ، ރެއާލަށް ދިއުމުގެ ބަދަލުގައި ޕީއެސްޖީގައި މަޑުކުރާނަން،" ނަސްރީ ބުންޏެވެ.

ނަސްރީ، އާސެނަލްގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

ނަސްރީ ބުނީ އެމްބާޕޭ ދިއުމުން ބަޖެޓުން އާ ކުޅުންތެރިން ހޯދެން އޮންނާނެ ކަމަށާއި ނަމަވެސް އޭގެން އިތުރު އެމްބާޕޭއެއް ނުއުފެއްދޭނެ ކަމަށެވެ. އަދި އެމްބާޕޭއަކީ ގައުމީ ޓީމާއި ކްލަބަށް ވެސް މުހިންމު ކުޅުންތެރިއެއްކަން ނަސްރީ ފާހަގަކުރިއެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް މިދިޔަ ސީޒަނުން ފެށިގެން އެ ކްލަބުން މަސައްކަތްކުރި ނަމަވެސް، އެމްބާޕޭ ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. އެކަމާ ގުޅިގެން އެމްބާޕޭއަށް އެ ކްލަބުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިތަން ވެސް ފެނިގެންދިޔައެވެ.

comment ކޮމެންޓް