އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއިލާއާ އެކު ރާއްޖޭގައި

އިންޑިއާގެ ލަވަކިޔުންތެރިޔާ ނެހާ ކައްކަރު

އިންޑިއާގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ފިރިމީހާ ރޯހަންޕްރީތްއާ އެކު ނެހާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާކަން ލަވަކިޔުންތެރިޔާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައެވެ.

ނެހާއާއެކު އާއިލާގެ ގިނަ މެމްބަރުންތަކެއް ރިސޯޓަށް ޒިޔާރަތް ކުރުމާއެކު ދިވެހި ސަގާފީ ހެދުމުގައި ތިބި ރިސޯޓުގެ މުވައްޒަފުންތަކެއް ވަނީ ދިވެހި ބޮޑު ބެރު ލަވައާއި މިއުޒިކުން ނެހާގެ އާއިލާއަށް މަރުހަބާ ކިޔާފައެވެ. މި މަންޒަރު ފެނި ނެހާގެ އިތުރުން އާއިލާގެ ގިނަ މެމްބަރުންތަކެއް ދިވެހި ބޮޑު ބެރު ނެށުމުގައި ބައިވެރިވާ މަންޒަރު އޭނާގެ އިންސްޓަގްރާމް ވީޑިއޯއިން ފެނެއެވެ.

ނެހާ އޭނާގެ ޢާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ސަން ސިޔާމް އިރުފުށި ރިސޯޓުގައެވެ. ނެހާ ކައްކަރު ވަނީ މީގެ ތިން އަހަރު ކުރިން ފިރިމީހާ ރޯހަން ޕްރީތު ސިންގްއާއެކު ހަނީމޫންއަށް ވެސް ރާއްޖެ އައިސްފައެވެ.

ނެހާ ކައްކަރު އާއިލާއާއެކު ސަން ޝިޔާމް އިރުފުޝި ރިސޯޓުގައި

ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މަގުބޫލު ގިނަ ލަވަތަކެއް ކިޔައިދީފައިވާ ނެހާ އަކީ އިންޑިއާގެ މިއުޒިކީ ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ޒުވާން އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ސޮނީ ޓެލެވިޒަންއިން ގެނެސްދެމުން އަންނަ ދުވަސްވީ ރިއަލިޓީ ޝޯވް އިންޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނެހާ ވަނީ މީގެ އިތުރުން އެހެނިހެން ޝޯވްތަކުގައި ވެސް ޖަޖެއްގެ ރޯލް އަދާކޮށްފައެވެ. އޭގެތެރޭގައި ޒީޓީވީގެ މަޝްހޫރު ސަރެ ގަމަ ޕާ އަދި ސޮނީގެ ސުޕަ ސްޓާ ސިންގަރ ހިމެނެއެވެ.

comment ކޮމެންޓް