ފިލްމީ ދާއިރާއަށް އަލަށް ނުކުތްއިރު ދުށް ހުވަފެންތަކާ މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ނަޒަރިއްޔާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފިއެވެ.
ފިލްމު "ބީވީ ނަމްބަރު1"، "މޭ ހޫނާ" އަދި "އާންކޭ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުނީ ފިލްމީ ދާއިރާއާ ފުރަތަމަ ގުޅުނުއިރު ވިސްނުން ގެންގުޅުނީ ހިޓު ފިލްމުތަކެއް ދިނުމަށް ކަމަށާއި އެ ފިލްމުތަކުން އެތައް ކްރޯޑް ރުޕީސްއެއް ޙާސިލުކުރުމަށް ކަމަށެވެ.
ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެ ހިޓު ފިލްމެއް ގެނެސްދިނުމަށްވުރެ ބޮޑަށް ބޭނުން ވަނީ، ފިލްމީ ދާއިރާއަށް ބަތަލާގެ އަމިއްލަ ލެގަސީއެއް ދޫކޮށް ދިޔުން ކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ.
ފިލްމުތަކާ ދުރުގައި އުޅުމަށްފަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާގެ "އާރްޔާ"އިން ފިލްމީ ދުނިޔެއަށް ސުޝްމިތާ އެނބުރި އައީ 2020ވަނަ އަހަރުއެވެ.
އިންޑިއާގެ ޕީޓީއައި ނޫހަށް ދިން އިންޓަވިއުއެއްގައި 47 އަހަރުގެ ބަތަލާ ބުނީ، ސިނަމާގައި ހުށަހަޅާ ހުށަހެޅުންތައް ހަމައެކަނި ޔޫޓިއުބު މެދުވެރިކޮށް އާއްމުން ބެލި ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށާ ސިނަމާގައި އެކްޓަރުން ހުށަހަޅައިދޭ ހުށަހެޅުންތައް ބެލުންތެރިންގެ ދިރިއުޅުމާ މިހާރު ގުޅި ލާމެހިފައިވާ ކަމަށެވެ.
އެހެންވެ ބޭނުންވަނީ ބެލުންތެރިންގެ ހަނދާނުން ފޮހެނުލެވޭނެ ފަދަ ސްކްރިޕްޓްތަކަށް މަސައްކަތް ކުރުމަށް ކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ. އެފަދަ ސްކްރިޕްޓެއް ލިބިއްޖެނަމަ ސިނަމާގެ އޯޑިއަންސާ ކުރިމަތިލާން ތައްޔާރަށް ހުރިކަމަށް ސުޝްމިތާ ބުނެފައިވާއިރު ބަތަލާ ސިނަމާއިން ފެނުމުގެ އުއްމީދު އަދި އެބައޮތްކަމަށް ޕީއައިޓީ ނޫހުން ވަނީ ބުނެފައެވެ.
މެދު ޢުމުރުގެ އަންހެނަކާއި އާއިލާ ސަލާމަތްކުރަން ކުރާ މަސައްކަތުގެ މައްޗަށް ދައްކުވައިދޭ ނެދަލެންޑްސްގެ މަޝްހޫރު ކްރައިމް ޑްރާމާ "ޕެނޯޒާ" ގެ އޮފިޝަލް ރީމޭކް "އާރްޔާ" ދާދިފަހުން ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކޮށްފައިވާއިރު މި ވެބް ސީރީސް އަށްފަހު ތަފާތު ބުރަދަން ހުރި ރޯލްތައް ކުޅެން ހިތްވަރު ލިބުނުކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ.
ވެބް ސީރީސް "ތާލީ"އިން ވެސް ވަރަށް ތަފާތު އެކްޓިންގް އެއް ދައްކުވައިދިން ރީތީގެ ރާނީ ބުނީ އެފަދަ ރޯލްތައް ކުޅެން ލިބުމަކީ ކޮންމެ އެކްޓަރަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ. ދާދިފަހުން ހާޓް އެޓޭކެއްޖެހި އެކަމަށް ފަރުވާ ހޯދާފައިވާ ބަތަލާ 'ޑޮން' އެއްގެ ރޯލް ކުޅެފައިވާ "އާރްޔާ"ގެ ތިން ވަނަ ސީޒަން މި ދިޔަ ހުކުރު ދުވަހު ޑިޒްނީ ހޮޓް ސްޓާގައި ވަނީ ސްޓްރީމް ކުރަން ފަށާފައެވެ.