ރާއްޖެ 'ލީޑިން ޑެސްޓިނޭޝަން' އެވޯޑަށް އަނެއްކާވެސް ނޮމިނޭޓްވެއްޖެ

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓްވެއްޖެއެވެ.

ޑަބްލިއުޓީއޭގައި ލީޑިން ޑެސްޓިނޭޝަން އެވޯޑަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރާއްޖެ ވާދަ ކުރަނީ 17 ގައުމަކާއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ދުބާއީ، އިންޑިއާ އަދި ޖަމައިކާ ހިމެނެއެވެ.

ރާއްޖެއިން ވަނީ 2020، 2021 އަދި މިދިޔަ އަހަރު ވެސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ހާސިލުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އެ އެވޯޑް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކުރަމުން ދަނިކޮށެވެ.

މި އަހަރު މުޅި ދުނިޔެއިން ރާއްޖެ އިތުރު ހަ ދާއިރާއަކުން ނޮމިނޭޓް ވެފައިވެއެވެ. އޭގެ ތެރޭގައި:

  • ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން
  • ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން
  • ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
  • ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން
  • ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑް
  • ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން

ޑަބްލިއުޓީއޭއިން ދޭ އެވޯޑުތަކުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެވޯޑުތައް މިހާރު ދީފައިވާއިރު ރާއްޖެއަށް އިންޑިއަން އޯޝެންސް ލީޑިން ޑެސްޓިނޭޝަން އާއި އިންޑިއަން އޯޝެންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް ލިބިފައިވެއެވެ.

މުޅި ދުނިޔެއިން ހޮވާލެވޭ އެވޯޑްތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 17އިގެ ނިޔަލަށެވެ. އަދި އެންމެ ޝަރަފުވެރި އެވޯޑުތައް ދިނުމަށް ގްރޭންޑް ފައިނަލް ގާލާ ސެރެމަނީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެކެއްގައި ދުބާއީގައެވެ.

comment ކޮމެންޓް