އަނެއްކާވެސް ބާރަށު ދާއިރާއަށް ޝުޖާ ވާދަކުރަނީ

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މިހާރު ހުޅުމާލޭ ދާއިރާގެ ކައުންސިލަރު، އިބްރާހިމް ޝުޖާއު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާރަށު ދާއިރާގެ މެންބަރު ކަމަށް ކުރިމަތި ލައްވާކަން އިއުލާން ކުރައްވައިފިއެވެ.

ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. އަދި މިހާރު މި ހިނގާ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިޚާބު ނާކާމިޔާބުވުމުން ފަހުން އޭނާ ވާދަކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަށެވެ. އެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއެވެ.

ދެން އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާކަން، ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝުޖާ އިއުލާނު ކުރެއްވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާ ވަނީ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ޕީއެންސީއަށް ވެރިކަން ލިބިފައިވާއިރު ޝުޖާއަކީ އެ ކޯލިޝަންގައި ވަރަށް އިސްކޮށް މަސައްކަތް ކުރާ ބޭފުޅެކެވެ.

ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރައީސްކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހޮވިވަޑައިގެންފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުންތަކެއް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

comment ކޮމެންޓް