ފަލަސްތީނަށް ތާއީދުކުރުމުން ޖަރުމަނުން ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ބާތިލްކޮށްފި

މެއިންޒް ޓީމުގެ ކުޅުންތެރިޔާ އަންވަރު އަލް ޣާޒީ ފޮޓޯ/ސްކައި ސްޕޯޓްސް

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާގުޅިގެން ޖަރުމަނުވިލާތުގެ މެއިންޒް ޓީމަށް ކުޅޭ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ކެންސަލްކޮށްފިއެވެ.

މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރާ ގޮތުގައި ކެންސަލްކޮށްފައި ވަނީ މެއިންޒް ޓީމަށް ކުޅޭ ނެދަލޭންޑްސްގެ ކުޅުންތެރިޔާ އަންވަރު އަލް ޣާޒީގެ ކޮންޓްރެކްޓަރެވެ.

އެވަޓަން އަދި އެސްޓަން ވިލާއަށްވެސް ކުރިން ކުޅުނު އަންވަރުގެ ކޮންޓްރެކްޓު ކެންސަލްކޮށްފައި ވަނީ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ޕޯސްޓުކުރިތާ ދެ ދުވަސް ފަހުންނެވެ.

އަންވަރު ފަހުން ވަނީ އޭނާ ކުރި ޕޯސްޓު ސޯޝަލް މީޑިއާއިން ނަގާފައެވެ. އަދި އޭގެ ފަހުން ކުރި އެހެން ޕޯސްޓެއްގައި އަންވަރު ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ މީހެއްކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

ޣައްޒާގައި އަނިޔާ ލިބެމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކާއެކީ ވާނެ ކަމަށްވެސް އަންވަރު ބުންޏެވެ. މިއަދު ޕޯސްޓުކުރި އެހެން ޕޯސްޓެއްގައި އަންވަރު ބުނެފާއިގޮތުގައި އޭނާ އެކަނި އެއްކޮޅުގައި ހުންނަން ޖެހުނު ނަމަވެސް އަބަދުވެސް ހުންނާނީ ރަނގަޅު ފަޅީގައި ކަމަށާއި ކޮންޓްރެކްޓު ކެންސަލް ކުރުމުން އޭނާއަށް ލިބުނު ގެއްލުމަކީ، ޣައްޒާގެ އާންމުންނަށް ލިބެމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތަކާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށެވެ.

އަށާވީސް އަހަރުގެ އަންވަރު މެއިންޒާ ގުޅުނީ ފްރީ އޭޖެންޓެއްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ޓީމާ ގުޅުނު ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ތިން ފަހަރު އަންވަރު ވަނީ ފެނިފައެވެ.

comment ކޮމެންޓް